ސުމޫދު ފްލޮޓިލާ އަށް އިސްރާއީލުން ދިން ހަމަލާތައް ދިވެހިރާއްޖެ ހިމެނޭހެން 10 ގައުމެއްގެ ޚާރިޖީ ވަޒީރުން ކުށްވެރިކޮށްފިއެވެ.
އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ގްރީސްގެ ކްރީޓް އައިލެންޑް ކައިރިން މި ފްލޮޓިލާ ހުއްޓުވައި، ޑްރޯން އާއި ހަތިޔާރު ބޭނުންކޮށްގެން އުޅަނދުތަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ.ދިވެހިރާއްޖެ، ބްރެޒިލް، އުރުދުން، ޕާކިސްތާން، އިސްޕެއިން، ބަންގްލަދޭޝް، ކޮލަމްބިއާ، އިންޑޮނޭޝިއާ، ތުރުކީ އަދި ލީބިޔާގެ ޚާރިޖީއިން ވަނީ މިހަމަލާތައް ކުށްވެރިކޮށްފައެވެ.
ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ،ފަލަސްޠީނުގެ ރައްޔިތުންގެ ނިކަމެތި ހާލަތަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ދަތުރުކުރި “ގްލޯބަލް ސުމޫދު ފްލޮޓިލާ” އަށް އިސްރާއީލުން ދިން އާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން މި10 ގައުމުން ކުއްވެރިކޮށްފައިވާކަމަށެެވެ.ވަޒީރުން ސިފަކުރެއްވި ގޮތުގައި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހިންގި މި ސުލްހަވެރި މަދަނީ ހަރަކާތަށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އެ ބަޔާނުގައި، މީގެ ކުރިންވެސް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ފްލޮޓިލާތަކަށް އިސްރާއީލުން ހުރަސްއަޅާފައިވާތީ، ޚާރިޖީ ވަޒީރުން އެކަމާ މެދު ފުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުކޮށްފައިވެ އެވެ.އަދި އާންމުންގެ އުޅަނދުތަކަށާއި އިންސާނީ އެހީގެ އެކްޓިވިސްޓުންނަށް އަމާޒުކޮށް ހިންގާ ހަސަދަވެރި އަމަލުތައް ވަނީ ކުށްވެރިކުރައްވާފައެވެ. ބޯޓުތަކަށް ހަމަލާދިނުމާއި އެކްޓިވިސްޓުން ނާޖާއިޒު ގޮތުގައި ހައްޔަރުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު އަމަލުތަކެއްކަން ވަޒީރުން ފާހަގަކުރެއްވިއެވެ.