ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ހުޅުމާލޭގެ ފޭސް 2 އަދި ފޭސް 3 އިން ހިލޭ ގޯތި ދޫކުރުމުގެ ސަބަބުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 14.85 ބިލިއަނާއި 15.93 ބިލިއަން ރުފިޔާގެ ދެމެދުގެ ބޮޑު މާލީ ގެއްލުމެއް ވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ރިޕޯޓުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، ދައުލަތުގެ މާލިއްޔަތަށް ވާނެ ގޮތުގެ އެކަށީގެންވާ ދިރާސާއެއް ނުހަދާ މި މަޝްރޫޢު ކުރިއަށް ގެންދިއުމެވެ. އެގޮތުން ގޯތި ލިބުނު ކޮންމެ މީހަކަށް ދައުލަތުން 3.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓުން ދައްކައެވެ. މިއީ މީގެ ކުރިން ހިންގި ހިޔާ ފްލެޓް ނުވަތަ ގެދޮރުވެރިޔާ ފްލެޓް މަޝްރޫޢުތަކާ އަޅާބަލާއިރު ދައުލަތަށް ނުހަނު ބޮޑު މާލީ ބުރައެކެވެ.
ބިންތައް ދޫކުރި ގޮތުގެ މާލީ ތަފްސީލު:
- އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި ސްކީމުގެ ދަށުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 2,841,400 އަކަފޫޓުގެ ބިން ވަނީ ހިލޭ ދޫކޮށްފަ
- ފޭސް 2 ގެ ބީޗްސައިޑް ގޯތިތައް: މާކެޓްގައި އެންމެ އަގުބޮޑު ސަރަޙައްދުން ދޫކުރި 188 ގޯތީގެ އަގު 2.5 ބިލިއަން ރުފިޔާއަށް އަރާ
- ފޭސް 2 ގެ އެހެނިހެން ގޯތިތައް: މި ސަރަޙައްދުން ދޫކުރި އިތުރު 521 ގޯތީގެ މާކެޓް އަގަކީ 4.9 ބިލިއަން ރުފިޔާ
- ފޭސް 3 ގެ ގޯތިތައް: އަލަށް ހިއްކި ސަރަޙައްދުން ދޫކުރި 669 ގޯތީގެ އަގު 8.4 ބިލިއަން ރުފިޔާއަށް އަރާ.
މި ބޮޑު މާލީ ގެއްލުމުގެ ސަބަބުން އެޗްޑީސީ ބަނގުރޫޓުވިޔަނުދީ ހިފެހެއްޓުމަށްޓަކައި، ސަރުކާރުން ވަނީ އެޗްޑީސީއަށް ބަދަލު ދިނުމަށް ނިންމާފައެވެ. އެގޮތުން ގަލުފަޅާއި މާގިރިފަޅު އެޗްޑީސީގެ މިލްކުވެރިކަމުގެ ދަށަށް ބަދަލުކުރުމަށް ފިނޭންސް މިނިސްޓްރީއާއެކު ވަނީ މަޝްވަރާތަކެއް ކުރެވިފައެވެ.
މީގެ އިތުރުން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ އަގު ހުންނާނެ ބަދަލުގެ ޕެކޭޖެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި މާލީ ގެއްލުންތަކުގެ އިތުރުން، މި ސްކީމުގެ ދަށުން ހިންގާފައިވާ ޖިނާއީ ބޮޑެތި އޮޅުވާލުންތަކެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ. އޭގެ ތެރޭގައި ސައްހަނޫން ލިޔެކިޔުންތައް ފޯޖުކޮށްގެން ބިން ހޯދާފައިވާ މައްސަލަތަކާއި، އެއް ގޯއްޗަކަށް އެކަކަށް ވުރެ ގިނަ މީހުން ޢިމާރާތް ކުރުމުގެ ހުއްދައަށް އެދިފައިވާ މައްސަލަތައް ހިމެނެއެވެ. މިކަމާ ގުޅިގެން އާންމުންގެ ޝަކުވާ ހުށަހެޅުމަށް ފުލުހުން ވަނީ ޚާއްސަ ޕޯޓަލްއެއްވެސް ހުޅުވާލާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ނަމުގައި، ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކުރުމެއް ނެތް ގޮތަށް ހިންގި މި މަޝްރޫޢުގެ ސަބަބުން އެޗްޑީސީއަށް ލިބުނު ބޮޑު ގެއްލުން ފޫބެއްދުމަށް ސަރުކާރުން ބަދަލު ދޭން ޖެހުމަކީ މުޅި ދައުލަތުގެ މާލިއްޔަތަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.
އެހެންކަމުން، ކުރިއަށް އޮތް ތަނުގައި މިފަދަ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދަންވާނީ ކުންފުނިތަކާއި ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަމަށް ބުރަނުވާނެ ފަދަ ހަރުދަނާ އުޞޫލުތަކެއްގެ ދަށުންކަން އޮޑިޓް ރިޕޯޓުގައި ވަނީ އަންގާފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1