ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާއާއި ގުޅިގެން، ގެއްލުނު ޑައިވަރުން ހޯދުމަށް އިޓަލީ އިން ޓީމެއް ރާއްޖެ ގެނެސްފިއެވެ.
މި ޓީމު ފޮނުވައިފައިވަނީ، އިޓަލީވިލާތުގެ ސަރުކާރުންނެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މައުލޫމާތު ދިންގޮތުގައި، އިޓަލީގެ ފިންލޭންޑްގެ ޑައިވަރުން މިހާރު އެމްއެންޑީއެފްގެ ކޯސްޓްގާޑައި ވަނީ ބައްދަލުކޮށްފައެވެ. އޮޕަރޭޝަން އަލުން ފަށާނެ ވަގުތަކާއި، ކުރިއަށްދާނެ އިސްތިރާޖީ ގޮތްތަކާ ބެހޭގޮތުން ދަނީ ވާހަކަދެކެވެމުންނެވެ.
ޑައިވަރުން ހޯދުމަށް، އެމްއެންޑީއެފް އިން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަން ވަނީ ޑައިވަރު ސްޓާފް ސާޖަންޓް މުޙައްމަދު މަޙުދީ ނިޔާވުމާ ގުޅިގެން މެދުކަނޑާލާފައެވެ.
ވ އަތޮޅަށް ފީނަން ގޮސް އުޅެނިކޮށް، އިޓަލޯ ވިލާތަށް ނިސްބަތްވާ 5 ފަތުރުވެރިއަކު ގެއްލުނު ކަމުގެ ރިޕޯޓް މި މަހުގެ 14 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ އަށް ލިބުނެވެ. މި ރިޕޯޓާއެކު އެމްއެންޑީއެފް އިން ވަނީ އެ ފަތުރުވެރިން ހޯދުމުގެ މަސައްކަތް ފަށާފައެވެ.މި ހާދިސާއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން ބުނީ، އެމް.ވީ ޑިއުކް އޮފް ޔޯކް‘ އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ވަކި މުއްދަތެއް ނެތްގޮތަށް ހިފަހައްޓާފައިވާ ކަމަށެވެ.
އެ މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައިމި ހާދިސާ ދިމާވެފައިވަނީ އެ އުޅަނދުން ޑައިވިންއަށް ދިޔަ އިޓަލީގެ ހަތަރު ފަތުރުވެރިންނާއި ޑައިވިންގ އިންސްޓްރަކްޓަރަކަށެވެ.
މީގެ ތެރެއިން ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑު ކަނޑުއަޑިން ފެނިފައިވީ ނަމަވެސް، ގެއްލުނު ހަތަރު ފަތުރުވެރިން އަދިވެސް ފެނިފައިވާނުވާ ކަމަށެވެ.