ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ.
އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ.
މިއަހަރުގެ ޖަނަވަރީމަހު 31 ވަނަ ދުވަހުން ފެށިގެންމެއި 16އަށް ކުރިއަށްގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި ރާއްޖޭގެ 112 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވިއެވެ.އެމްއެންޑީއެފް އިން ބުނީ،އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ބައިވެރިވި މި ކޯހުގައި ދަސްވެނިވި ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރު ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ލީޑަރޝިޕް، އިސްލާމިކް ސްޓަޑީސް އަދި ބަހުގެ ހުނަރުތައް އުނގަންނައިދީފައިވެއެވެ. މީގެ އިތުރުން ފިޒިކަލް ޓްރޭނިންގ، ޑްރިލް، ވޯޓަރމަންޝިޕް، ސެލްފް ޑިފެންސް، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ އަދި ކޭމްޕް ހަރަކާތްތަކުގެ އަމަލީ ހުނަރުތައް ވެސް ވަނީ ދަސްކޮށްދީފައެވެ. މި މާއްދާތައް ކިޔަވައިދެއްވީ ސިފައިންގެ މުދައްރިބުންގެ އިތުރުން، ކަމާބެހޭ ވުޒާރާތަކުގެ ފަންނީ މާހިރުންނެވެ.
14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، 343 ދަރިވަރުން ވަނީ ދަސްވެނިވެ، ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް އެވޯޑް ހާސިލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން އަދި ދަރިވަރުންގެ ޢާއިލާތަކުގެ މެންބަރުން ބައިވެރިވި އެވެ. މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރެއްވި، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ހަނދާނުގައި، އެއް މިނެޓްގެ ސުކޫތެއް ގެނެސްފައިވެއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ދަންނަވައި، ސޯޝަލްމީޑިއާގައި ޕޯސްޓެއްކުރައްވާފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1