ޤައުމީ ދިފާޢީ ބާރުގެ ޑައިވަރު، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ޚަބަރާއި ގުޅިގެން އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ޓަޔާނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު، އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާ އާ ގުޅިގެން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ފޮނުއްވި ތަޢުޒިޔާގެ މެސެޖަށް ޝުކުރު އަދާ ކުރައްވާފައިވާ ކަމަށެވެ.
އަދި ގެއްލިފައިވާ އިޓަލީ ގެ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ފައުޖުގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ޚަބަރަކީ، އިޓަލީވިލާތަށް ކުރިމަތިވެފައިވާ ހިތާމަވެރި ދުވަސްތަކަށް އިތުރު ހިތްދަތިކަމެއް ގެނެސްދިންކަމެއް ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެއަށް ދިމާވި މި ހިތާމައިގައި ބައިވެރިވެވަޑައިގެން، އިޓަލީ ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ދިވެހި ސަރުކާރަށާއި، ޤައުމީ ދިފާއީ ބާރަށާއި، ދިވެހި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
ޙާރިޖީ ވުޒާރާއިން ބުނީ، މި ހިތާމަވެރި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ޢާއިލާތަކަށް ލިބިފައިވާ ފުން ހިތާމާގައި ފުރިހަމައަށް ދެ ޤައުމުގެ ރައްޔިތުން އެކުގައި ބައިވެރިވާ ކަމަށާއި، އަދި އެ ޢާއިލާތަކަށް ކެތްތެރިކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ގެއްލުނު ފަތުރުވެރިން ހޯދުމުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް އިޓަލީ ވިލާތުން ޝުކުރު އަދާ ކުރެއްވިއެވެ. އަދި ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން އަށް އިޓަލީވިލާތުގެ ސަރުކާރުގެ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ފޯރުކޮށްދެއްވުމަށް ތައްޔާރަށް ތިއްބެވިކަމަށްވެސް އެ މެސެޖުގައި ވިދާޅުވެފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.
އެ ފަތުރުވެރިން ހޯދުމަށް އެ ސަރަހައްދު ހޯދުމަށް ފީނަން ފޭބި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވީ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މަހުދީއަކީ ރާއްޖޭގެ ފާހަގަކޮށްލެވޭ ޑައިވަރެކެވެ. އޭނާ ވަނީ ނުރައްކާތެރި މާހައުލުތަކުގައި އެތައް ހާސް ފަހަރަކު ފީނައި، ތަޖުރިބާ ހޯދާފައެވެ. އަދި ޚާއްޞަ އޮޕަރޭޝަނެއްގައި 70 މީޓަރުގެ ފުނަށް އޭނާ ފީނާފައިވާ ކަމަށްވެސް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވިއެވެ.
މަހުދީ މަރުވީ 60 މީޓަރު އަޑީގައިވާ ކޭވް ތެރޭގައި ހާލު ދެރަވެގެން މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، ‘ޑިކޮމްޕްރެޝަން ސިކްނަސް’ (އަޑީގެ ޕްރެޝަރަށް ދިމާވާ ސިއްހީ މައްސަލައެއް) ގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.