ވ.އަތޮޅުގައި ހިނގި ޑައިވިން ހާދިސާއާއި ގުޅިގެން “އެމް.ވީ. ޑޫކް އޮފް ޔޯކް” ސަފާރީގެ އޮޕަރޭޓިންގ ލައިސަންސް ސަސްޕެންޑްކޮށްފިއެވެ.
ވ އަތޮޅަށް ފީނަން ގޮސް އުޅެނިކޮށް، އިޓަލޯ ވިލާތަށް ނިސްބަތްވާ 5 ފަތުރުވެރިއަކު ގެއްލުނު ކަމުގެ ރިޕޯޓް މި މަހުގެ 14 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ އަށް ލިބުނެވެ. މި ރިޕޯޓާއެކު އެމްއެންޑީއެފް އިން ވަނީ އެ ފަތުރުވެރިން ހޯދުމުގެ މަސައްކަތް ފަށާފައެވެ.
މި ހާދިސާއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން ބުނީ، އެމް.ވީ ޑިއުކް އޮފް ޔޯކް‘ އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ވަކި މުއްދަތެއް ނެތްގޮތަށް ހިފަހައްޓާފައިވާ ކަމަށެވެ.
އެ މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ދިމާވެފައިވަނީ އެ އުޅަނދުން ޑައިވިންއަށް ދިޔަ އިޓަލީގެ ހަތަރު ފަތުރުވެރިންނާއިޑައިވިންގ އިންސްޓްރަކްޓަރަކަށެވެ.
މީގެ ތެރެއިން ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑު ކަނޑުއަޑިން ފެނިފައިވީ ނަމަވެސް، ގެއްލުނު ހަތަރު ފަތުރުވެރިން އަދިވެސް ފެނިފައި ނުވާ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. ކަމާބެހޭ އިދާރާތަކުން ދަނީ އެމީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމަކާއިނުލައިކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީއިން ބުނީ، ހާދިސާގެ ސީރިއަސްކަމަށް ބަލައި، ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި މިނިސްޓްރީން ވަނީ އެއުޅަނދުގެ ހުއްދަ ސަސްޕެންޑުކޮށްފައި ކަމަށެވެ. އަދި މި ދަތި ދަނޑިވަޅުގައި ފަތުރުވެރިންގެ އާއިލާތަކަށް މިނިސްޓްރީން ހަމްދަރުދީފޮނުވާފައިވާއިރު، މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް އެ މިނިސްޓްރީން ބަލައިގަންނަ ކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން އެ މިނިސްޓްރީއިން ފާހަގަކުރީ، ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައިމަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއް ކަމަށެވެ. ހަމަމިއާއެކު، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީއިލްތިމާސްކޮށްފައެވެ.
އަދި މިފަދަ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ވަނީ ދީފައެވެ.
މަޢުލޫމާތު ލިބޭގޮތުގައި ޑައިވަރުން ގެއްލުނު ކޭވްއަކީ އާންމުކޮށް މީހުން ޑައިވްކުރާ ސަރަޙައްދުތަކަށްވުރެ ފުން، ޚާއްޞަ އިކުއިޕްމަންޓް ބޭނުންކުރަންޖެހޭ ތަނެކެވެ. މި ކޭވްގެ ފެށުން 45 މީޓަރު އަޑީގައިވާއިރު، ނިމޭ ހިސާބު ހުރީ 60 މީޓަރުގެ ފުނުގައެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު އަންނަނީ ނުރައްކާތެރި ހައި-ރިސްކު ހޯދުމުގެ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ.