ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ ވެރިކަންކުރާ ޕީއެންސީ ގެ 73 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފިއެވެ.
ޕީއެންސީގެ މެންބަރުން މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އޭނާގެ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތްތަކަކަށް ފައިދާވާ ގޮތަށް ބައެއް ކަންކަން ނިންމަވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި، މަޖިލީހުގެ ނައިބު ރައީސްކަމުން އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެ އިދާރާއަށް މިހާރު ވަނީ ރަސްމީކޮށް ލިބިފަ އެވެ. އަދި އެ މައްސަލަ ކުރިއަށްދާނީ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ރަސްމީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް މަޖިލީހުގެ އިދާރާއިން ފާހަގަކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިވާނީ ދެ ހާލަތެއްގައެވެ. އެއީ މެންބަރުކަމުގެ ގޮޑި ގެއްލުމުން ނުވަތަ އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމުންނެވެ. މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްދާ ޖަލްސާގައި ބައިވެރިވުމުގެ ހައްގާއި، އަމިއްލަ ދިފާއުގައި ބަހުސްކޮށް ވާހަކަދެއްކުމުގެ ފުރުސަތު ނައިބު ރައީސަށް ލިބިގެންވެއެވެ. ނަމަވެސް، އޭނާ ވަކިކުރުމާ މެދު ގޮތެއް ނިންމަން ނަގާ ރަސްމީ ވޯޓުގައި ބައިވެރިވުމުގެ ހައްގު ގަވާއިދުން މަނާކުރެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައެވެ. މި ގަރާރު މަޖިލީހުގެ އިދާރާއަށް ހުށަހެޅުމުން، ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ނޯޓިސް މެންބަރުންނަށާއި ނައިބު ރައީސަށް އަމީންއާންމު ފޮނުއްވަންޖެހެއެވެ. އަދި ނޯޓިހުގެ މުއްދަތުގެ ގޮތުގައި 14 ދުވަސް ދިނުމަށްފަހު، އެއަށްފަހު އެންމެ އަވަހަށް ބާއްވާ ރަސްމީ ބަންދުނޫން ދުވަހެއްގެ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު ވަކިކުރުމުގެ ގަރާރު ފާސްވާނީ، އެ މައްސަލައަށް ވޯޓަށް އަހާ ޖަލްސާއަށް ހާޒިރުވެ ރަސްމީކޮށް ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ.. އެފަދަ ވޯޓަކުން ގަރާރު ފާސްވެއްޖެނަމަ، އެ ބޭފުޅަކު ވަގުތުން މަގާމުން ވަކިވާނެއެވެ.