ގާނޫނަކާ ހިލާފު ނުވާހާ ހިނދަކު އެއްވެސް މީހަކަށް ސަރުކާރުން ފިޔަވަޅެއް ނާޅާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފުރުސަތު ދިނުން ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން ކުރާ އެއްވެސް ކަމަކަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ. އަދި ރައީސް މުއިއްޒަކީ އަބަދުވެސް ނޫސްވެރިންނާއި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވުމަށް ތައްޔާރަށް ހުންނެވި ބޭފުޅެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ މީހަކު ކަމުގައިވީނަމަވެސް، ގާނޫނާ ހިލާފު އަމަލެއް ހިންގައިފިނަމަ ސަރުކާރުން އެއްވެސް ލުޔެއް ނުވަތަ ހާއްސަ އިސްތިސްނާއެއް ނުދޭނެކަމަށް މުންދު ވިދާޅުވިއެވެ.
“ގާނޫނަކާ ހިލާފު ނުވާ ކަމަށް ވަންޏާ، ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތަށް އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް ނާޅާނެ. އެކަމަކު ގާނޫނަކާ ހިލާފުވުމުގެ ނުވަތަ ގާނޫނާ ހިލާފު ކަމެއް ކުރީމާ ވަކި ފަންނެއްގެ ސަބަބުން އަޅުގަނޑުމެންނަށް ސަރުކާރެއްގެ ހައިސިއްޔަތުން އެ ބޭފުޅުންނަށް އިސްތިސްނާއެއް ލިބިވަޑައިގަންނަވާނެއޭ ނުދެންނެވޭ. ނުވެސް ވިދާޅުވާނެ ރައީސެއް. އެއީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން.”
މީގެއިތުރުން މުންދު ވިދާޅުވީ، ދެ ނޫސްވެރިން ހައްޔަރުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް އަމުރެއް ނެތް ކަމަށެވެ.. އެގޮތުން އެކަކު ހައްޔަރުކުރީ ކޯޓު އަމުރާ ހިލާފުވެގެން ޕީޖީން ކޯޓަށް އެންގުމުން ކަމަށާއި، އަނެއް ނޫސްވެރިޔާ ހައްޔަރުކުރީ ކޯޓުން އަމިއްލައަށް ނިންމި ނިންމުމަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ބައެއް ނޫސްތަކުން ރައީސް ދައްކަވާ ވާހަކަފުޅުތަކުގެ ސުރުހީތައް ސިޔާސީ މަންފާއަށްޓަކައި ގަސްތުގައި ހަގީގަތާ ހިލާފަށް ބަދަލުކޮށްގެން ރިޕޯޓުކުރާ ކަމަށް ވިދާޅުވެ މުންދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1