ހައްޖުގެ އަޅުކަމަށް ފުރާ ދިވެހި ހައްޖުވެރިންނާއެކު އެއާޕޯޓް ސަރަހައްދު އާދަޔާޚިލާފަށް ބާރުބޮޑުވާނެތީ، ހައްޖުވެރިން ފުރާ ވަގުތަކުގައި، އަމިއްލަ ވެހިކަލް ތަކުގައި ނުދިއުމަށް އެމްއޭސީއެލް އިން އިލްތިމާސްކޮށްފައެވެ.
އެމްއޭސީއެލްއިން ނެރުނު އެޑްވައިޒަރީގައި ބުނެފައިވަނީ، މި މަހުގެ 15 އިން 19 އަށް ދިވެހި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާތީ، އެ ދުވަސްވަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިކަމުގެ ސަބަބުން، އެއާޕޯޓްގެ ޕާކިންގެ އިތުރުން، އެއާޕޯޓްގެ ޓްރެފިކް ބާރުބޮޑުވެގެން ދާނެކަމަށް ލަފާކުރެވޭތީ، މިދުވަސްތަކުގައި އެއާޕޯޓަށް ދާ ފަރާތްތަކުން، އަމިއްލަ ވެހިކަލްތަކުގައި، ޓެކްސީތަކުގައި ދިއުމުގެ ބަދަލުގައި ބަސް ނުވަތަ ފެރީ ޚިޔާރުކުރުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ހައްޖުވެރިން ފުރާ ދުވަސްވަރަކީ އާންމުކޮށް ބޮޑުއީދު ބަންދާ ދިމާވާ ދުވަސްވަރަކަށް ވުމުން، ޗުއްޓީއަށް ރަށުން ބޭރަށް ދަތުރުކުރާ އާންމު ޕަސިންޖަރުންގެ އަދަދުވެސް މި ދުވަސްވަރު އެތައް ގުނައެއް އިތުރުވެއެވެ. އެހެންކަމުން ކޮންމެ އަހަރަކުވެސް ހައްޖާޖީން ފުރާ ވަގުތުތަކުގައި އެއާޕޯޓުގެ ހުރިހާ ޓާމިނަލްތަކެއްގެ ކިއޫތައް ދިގުވެ، ސަރަހައްދުގެ ބާރުބޮޑުވެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1