މާލޭ އުތުރު ފަރާތް ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސެގްމެންޓް 2، 3 އަދި 4 ގެޝީޓް ޕައިލް ކުރުމުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން މައުލޫމާތު ދިންގޮތުގައި،މި ސެގްމެންޓްތަކުގައި ޝީޓް ޕައިލް ކުރުމުގެ އިތުރުން ގިނަ މަސައްކަތްތަކެއް ދަނީ އެއްވަގުތެއްގައި ކުރިއަށެވެ. އެގޮތުން ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ވިއްސާރަ ދުވަސްވަރު މަގުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކެޗްޕިޓްތަކާއި ފެންވަޅުތައް ހެދުމުގެ މަސައްކަތްވެސް ދަނީ ހިނގަމުންނެވެ. މީގެ އިތުރުން އެންކަރ ބްލޮކްތަކާއި ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މި މަޝްރޫޢުގެ އެންމެ މުހިންމު އެއް މަރުޙަލާ ކަމަށްވާ ކީވޯލް ކޭޕިންގ ކޮންކްރީޓް އެޅުމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މިއީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، މަގު ފެހިކޮށް ޒީނަތްތެރިކުރުމުގެ ގޮތުން ސެގްމެންޓް 5 ގައި ގަސް އިންދުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ މެދުކެނޑުމެއްނެތި ކުރިއަށެވެ.
މާލޭގެ އުތުރު ފަރާތް ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢަކީ، އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށާއި ވިއްސާރަ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހިންގާ 144.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މަސްމާރުކޭޓުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ހިމެނޭ ސަރަހައްދު 4 ލޭނަށް ފުޅާކުރުމަށް ހަމަޖެހިފައިވާއިރު، ހިނގާ މީހުންނަށް ޚާއްޞަ ރައްކާތެރި ދުވާރުތަކަކާއި ޒަމާނީ ފެންހިންދާ ނިޒާމެއް ޤާއިމްކުރެވޭނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1