އައްޑޫ ރީޖަނަލް ފްރީ ޒޯނުން ޖާގަ ބޭނުންވާ ވިޔަފާރިތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު 13 މެއި 2026 އިން ފެށިގެން ހުޅުވާލައިފިއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ އެ ސަރަހައްދުގައި މުދާ ރައްކާކުރުމާއި ފްރީ ޒޯނާ ގުޅުންހުރި އެކި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށެވެ.ދިވެހިރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އައްޑޫ ސިޓީގައި “ފްރީ ޒޯން” އެއް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ވަނީ ފަށާފައެވެ.
އައްޑޫ ރީޖަނަލް ފްރީ ޒޯނުން ޖާގަ ބޭނުންވާ ވިޔަފާރިތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު، 13 މެއި 2026 އިން ފެށިގެން 11 ޖޫން 2026 ގެ ނިޔަލަށް އެމް.ޕީ.އެލް އިން ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތަކީ އެ ސަރަހައްދުގައި މުދާ ރައްކާކުރުމާއި ފްރީ ޒޯނާ ގުޅުންހުރި މަސައްކަތްތައް ކުރަން ބޭނުންވާ ފަރާތްތަކަށް ދެވޭ ފުރުޞަތެކެވެ.
- ދުވާލަކަށް (1,000 އަކަފޫޓަށް): ޖީއެސްޓީ ނުލައި 153.33 ރުފިޔާ (ޖީއެސްޓީއާއެކު 165.60 ރުފިޔާ)
- މަހަކަށް (1,000 އަކަފޫޓަށް): ޖީއެސްޓީ ނުލައި 4,600 ރުފިޔާ (298 ޔޫއެސް ޑޮލަރު)
ޓެރިފް ކަނޑައެޅިފައިވާ ބިންތައް ވިޔަފާރިތަކަށް ދޫކުރާނީ ހުށަހަޅާ ޕްރޮޕޯސަލްތައް ވަޒަންކުރުމަށްފަހުއެވެ. މި ބިންތައް ޚާއްޞަކުރެވިގެންދާނީ ސިނާއީ މަސައްކަތްތަކާއި، މުދާ އުފެއްދުމާއި، އެސެމްބަލްކުރުމުގެ އިތުރުން ގުދަންކުރުމާއި ލޮޖިސްޓިކްސްގެ އެކި ޚިދުމަތްތަކަށެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހަޅަންޖެހޭނީ bussiness@port.mv އަށް އީމެއިލް މެދުވެރިކޮށެވެ. އަދި އީއޯއައިއާއެކު އެމް.ޕީ.އެލް އިން ތައްޔާރުކޮށްފައިވާ ސަރވޭ ފޯމް ފުރިހަމަކޮށް ހުށަހަޅަންޖެހޭނެއެވެ.
އައްޑޫ ސިޓީއަކީ ވިޔަފާރީގެ މަރުކަޒަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަކުރާ ރާއްޖޭގެ ފުރަތަމަ ސަރަހައްދެއްގެ ގޮތުގައި ހުޅުދޫ އާއި މީދޫ ހިމެނޭހެން އައްޑޫ ސިޓީ ވަނީ ކަނޑައަޅާފައެވެ. އަދި “އައްޑޫ ރީޖަނަލް ފްރީ ޒޯން” ޤާއިމްކުރުމަށްޓަކައި އެމް.ޕީ.އެލް އާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ކަސްޓަމްސް އާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.