ހިޖުރައިން 1447 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ފުރާ ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު އިން (ވީއައިއޭ) ގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ހާމަކޮށްފިއެވެ.
މި އިންތިޒާމުތައް ބަލަހައްޓަމުންދަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، އަދި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެންނެވެ.
ފްލައިޓްތަކުގެ ތާވަލާއި މައްކާ ރޫޓް:
މިއަހަރުގެ ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓް އަދި ސައުދިއާގެ ދެ ފްލައިޓްގައެވެ. މި ފްލައިޓްތަކުން ދާ ފަރާތްތަކަށް ސަޢުދީ ސަރުކާރުގެ “މައްކާ ރޫޓް އިނިޝިއޭޓިވް” ގެ ދަށުން ޚާއްޞަ ލުއިތަކެއް ލިބޭނެއެވެ.
ދަތުރުތައް ކުރިއަށްދާނީ މިމަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ.
މެއި 15 ވަނަ ހުކުރު ދުވަހު ފުރުމަށް ހަމަޖެހިފައިވާ ސައުދިއާގެ ފުރަތަމަ ފްލައިޓުން 242 ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާއިރު، އެދުވަހު ޙައްޖުވެރިން ގޮވައިގެން އެއަރޕޯޓަށް އަންނަ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމައްޗަށެވެ. އަދި ހުކުރު ދުވަހެއް ކަމުން، އެހެން އަހަރުތަކެކޭވެސް އެއްފަދައިން ޙައްޖާޖީންނަށް ހުކުރު ނަމާދުކުރުމުގެ އިންތިޒާމު އެއަރޕޯޓުގެ ވޯޓަރ ފްރަންޓު އިމާރާތުގެ ތިރީގައި ވަނީ ހަމަޖައްސާފައެވެ.
މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ ޙައްޖާޖީން ގޮވައިގެން އެއަރޕޯޓަށް އަންނަ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ވީއައިއޭގެ ޓަރމިނަލް 2 ގެ ޑްރޮޕް-އޮފް ސަރަހައްދަށެވެ. އަދި އެ ދުވަސްތަކުގައި ފުރުމުގެ ކުރިން ޙައްޖާޖީން ބޯޑިންއަށް މަޑުކޮށްލައިގެން ތިބުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ކޮންކޯސް އޭރިއާ ގައެެވެ.
ޙައްޖާޖީން ފުރުމަށް ހަޖަހިފައިވާ ވަގުތުތަކުގައި، ފުރުމުގެ އެންމެހާ ކަންކަން ފަސޭހަކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއަރޕޯޓުގެ އޮފިޝަލުން މި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް ހައްޖު ކޯޕަރޭޝަން އިން ވަނީ މައުލޫމާތު ދީފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1