ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ނިގުޅައިގަނެފައި ނުވާނެ ކަމަށާއި، ޒާތީނުވެ އަދި ދޮގު ނަހަދާވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ހރިޓޭޖް އެންޑް ކަލްޗަރ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ،އަދު ޤައުމުގައި ކުރިމަތިވެގެން މިއުޅެނީ ހައްޤުތައް ހަނިވެގެން އުޅޭ މައްސަލައެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ދިމާވެގެން މިއުޅޭ މައްސަަލައަކީ މިނިވަންކަމުގެ ބޭނުން ހައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އޭގެ ނާޖާއިޒު ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޛްފުކުރުމުގެ މައްސަލަކަމަށް ހީނާ ވިދާޅުވިއެވެ.
“މިއަދު މިއުޅެނީ މި ޙައްޤުތައް އޭގެ އެއްވެސް ޙައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޛްފު ކޮށްގެން. .ރައީސުލްޖުމްހޫރިއްޔާއާއި ސުވާލުކުރާ ހުރިހާ ނޫސްވެރިން ފުލުހަކަށް ކޯޓަކަށް ނުގެންދޭ. ޖަލަކަށްވެސް ނުލާ. އަދި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތުވެސް ލިބޭ. އެކަމަކު ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓަކުން ގެގް އޯޑަރެއް ނެރުއްވާފައި އޮތުމުން އެއަށް ޢަމަލު ނުކުރައްވާ ހިތު ހުރިގޮތަކަށް އެ އަމުރާ ޚިލާފުވާން ފުރުޞަތު ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަކަށްވެސް ލިބިވަޑައެއްނުގަންނަވާ.”
މީގެއިތުރުން ހީނާ ވިދާޅުވީ،މިޤައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާ މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުންދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުންކަމަށެވެ.
ހީނާ އިތުރަށް ވިދާޅުވީ،ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެ ކަމަށާއި،ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ ކަމަށެެވެ.ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް ހީނާ ފާހަގަކުރެއްވިއެވެ.
ހީނާ ވަލީދު މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒާތީ ދިރިއުޅުއްވުމާ ގުޅުވައިގެން އަދަު ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން އެ ނޫހުގެ އިސްވެރިންގެ މައްޗަށް ގަޛްފުގެ ދައުވާ އުފުލައި، ކޯޓުން “ގެގް އޯޑަރެއް” ނެރުނު ދަނޑިވަޅުގައެވެ.މި ގެގް އޯޑަރަށް ތަކުރާރުކޮށް ހިލާފުވުމުން އެ ނޫހުގެ ދެ ނޫސްވެރިން ވަނީ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.