މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް މިވަގުތު ބިން ލިބިފައިވަނީ 10,700 ޔުނިޓަށް ކަމަށާއި، އިތުރު ބިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރައްވައިފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު ވިދާޅުވީ،ގުޅީފަޅުގައި އަޅާ 4,000 ޔުނިޓާއި، ސައުދީ ފަންޑުގެ އެހީގައި އަޅާ 400 ފްލެޓްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއާއި އިންޓްރެސްޓް ފްރީ ލޯނުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތައް ފައިނަލްވެފައިވާ ކަމަށެވެ. މީގެ ތެރެއިން 3,260 ޔުނިޓެއްގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަމިއްލަ ކުންފުނިތަކަށް ބިން ހިލޭ ދީގެން 2,000 ފްލެޓް އެޅުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ދިވެހި ކުންފުނިތަކަކުން ކުރިމަތިލާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ އާންމުންނަށް ގަނެވޭނެ ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.
މާލެ ސަރަހައްދުން ހައުސިންގް މިނިސްޓްރީއަށް ހޯދޭނެ ބިންތައް ދެނެގަނެ، ފްލެޓް އެޅުމަށް ބޭނުންވާ ބިމުގެ އިތުރު ޖާގަ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ،މިނިސްޓަރު ވިދާޅުވިއެވެ.