ކޯޓު އަމުރަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ‘އަދަދު’ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޛާން އާއި ލީވާން ޢަލީ ނަޞީރު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އަދަދު’ ނޫހުގެ ސީއީއޯ ފިޔާޒާއި އެޑިޓަރު ހަސަންގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލައިގެ ވާހަކަ ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރެއް ނެރެފައެވެ. މި އަމުރަކީ ޕީޖީ އޮފީހުގެ އެދުމުގެ މަތިން އެންމެންގެ މައްޗަށް އާންމުކޮށް ނެރުނު އަމުރެކެވެ.
ކޯޓު އަމުރާ ޚިލާފުވި ކަމުގެ ތުހުމަތުގައި ‘އަދަދު’ ނޫހުގެ ދެ ނޫސްވެރިއަކު މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. އެއީ އަމުރު ނެރުނު ޚަބަރު ލިޔުމުގައި އަމުރާ ޚިލާފުވި ކަމަށް ބުނެ ހެނދުނު 11:00 އަށް ހާޒިރުކުރި ލީވާން ޢަލީ ނާޞިރު އާއި، ރައީސް އޮފީހުގެ ޕްރެސްގައި ރައީސް މުޢިއްޒުއާ ސުވާލުކުރި މައްސަލައިގައި މެންދުރުފަހު 1:00 އަށް ހާޒިރުކުރި މުޙައްމަދު ޝަހުޛާން އެވެ.
ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ޝަހުޒާންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ދެ އަދަބެއް ކަނޑައަޅާފައެވެ. އެއީ 15 ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން 25،000 ރުފިޔާގެ ޖޫރިމަނާއެކެވެ. ކޯޓު އަމުރާ ޚިލާފަށް ޚަބަރު ލިޔެ، ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވާތީ ލީވާން ޢަލީ ނާޞިރު 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން 10،000 ރުފިޔާއިން އޭނާ ޖޫރިމަނާކުރުމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ.
‘އަދަދު’ ނޫހުން މާރިޗު މަހުގައި ނެރުނު ވީޑިއޯ ރިޕޯޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ޖިންސީ ފުރައްސާރައާއި އަޚްލާޤީ މައްސަލަތަކެއްގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ތަޙުޤީޤުކުރަން ފަށައި، އޭޕްރީލް މަހުގެ ފަހުކޮޅު ‘އަދަދު’ ނޫހުގެ އޮފީސް ރެއިޑްކޮށް، ނޫސްވެރިން ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ތަޙުޤީޤަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ‘އަދަދު’ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ޤަޒުފުކުރުމުގެ (ޒިނޭގެ ދޮގު ތުހުމަތުކުރުމުގެ) ޖިނާއީ ދައުވާ އުފުލާފައެވެ. މި މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ފެށުމާއެކު، ކޯޓުން ވަނީ އެ ޑޮކިއުމެންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ނުވަތަ ރިޕޯޓްކުރުން މަނާކޮށް 10 މޭ 2026 ގައި “ގެގް އޯޑަރ” އެއް ނެރެފައެވެ.
ނޫސްވެރިން ކަމަށްވާ ޝަހުޛާން އާއި ލީވާން ޖަލަށްލުމަށް ހުކުމްކުރީ މި ބުނެވިދިޔަ ކޯޓު އަމުރާ ޚިލާފަށް ރައީސް އޮފީހުގެ ޕްރެސްގައި ސުވާލުކޮށް، ޚަބަރު ފެތުރިކަން ސާބިތުވުމާ ގުޅިގެންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1