ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދުނިޔޭގެ ބައެއް އިސް ލީޑަރުން ބައިވެރިވެގެން ހިންގާ ‘ކޮމަންވެލްތު ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކް’ (ސީޔޫބީއެން) އަކީ މަކަރާ ހީލަތުން ފުރިގެންވާ ކްރިޕްޓޯ މަޝްރޫޢެއް ކަމަށް ތުހުމަތުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މި ނެޓްވޯކުގެ ސީޑަބްލިއު ޓޯކެންއަކީ މަކަރާ ހީލަތުން ފުރިގެންވާ ސައްހަ ނޫން އެއްޗެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ރައީސް ނަޝީދުގެ ތާއީދު އޮތްކަން ދައްކައިގެން ސީޔޫބީއެން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދިޔަ ނަމަވެސް، މިއީ ބޮޑު އޮޅުވާލުމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތުހުމަތު އަމާޒުވެފައިވަނީ މިއީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ‘ފްރޯޑް’ މަޝްރޫޢެއްގެ ގޮތުގައެވެ.
“ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ގައި ‘ޖުބްރާން ޝަރީފް’ ކުރި ޕޯސްޓެއްގައި، ސީޔޫބީއެންގެ ނަމުގައި ސޯލާނާ ބްލޮކްޗެއިން މެދުވެރިކޮށް ހިންގާ ޕްރޮޖެކްޓަކީ ބޮޑު އޮޅުވާލުމެއް ކަމަށް ވަނީ ބުނެފައެވެ. ނިމިދިޔަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހު ތައާރަފުކުރި މި ޓޯކެންއަކީ، ރައީސް ނަޝީދާއި ދުނިޔޭގެ ބައެއް އިސް ލީޑަރުންގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލުމަށް ހިންގާ ސްކޭމެއް ކަމަށް އޭނާ ތުހުމަތުކުރެއެވެ.