މީހުންގެ އަމިއްލަ ނުވަތަ ޒާތީ މަޢުލޫމާތު އެއްކޮށް ބޭނުންކުރުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމުގެ މަޤްޞަދުގައި، ސަރުކާރުން ތައްޔާރުކުރި “ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު” ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ހުށަހެޅުއްވި މި ބިލަކީ، މީހުންގެ އަމިއްލަ މަޢުލޫމާތު އެއްކޮށް ބޭނުންކުރުމުގައި އެ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް، މަޢުލޫމާތު ގެންގުޅޭ ފަރާތްތަކުން އުފުލަންޖެހޭ ޒިންމާތައް ޤާނޫނީގޮތުން ކަނޑައެޅުމަށް އެކުލަވާލާފައިވާ ބިލެކެވެ.
މީގެ އިތުރުން، ނާޒުކު މަޢުލޫމާތު ރައްކާތެރިކުރުމާއި، ރާއްޖޭން ބޭރަށް މަޢުލޫމާތު ފޮނުވުމުގައި ޢަމަލުކުރާނެ އުސޫލުތަކުގެ އިތުރުން، މަޢުލޫމާތު ލީކުވެއްޖެ ފަދަ ޙާލަތެއްގައި ކަންކުރާނެ ގޮތުގެ ތަފްޞީލީ އިޖުރާއަތްތައް މި ބިލުގައި ހިމަނާފައިވެއެވެ.
މި ބިލުގައިވާ ގޮތުން، ޤާނޫނު ތަންފީޒުކުރުމުގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި “ޕްރައިވަސީ ކޮމިޝަނަރ” އެއް ކަނޑައަޅަންޖެހެއެވެ. މި މަޤާމަށް ބިލުގައި ހުށަހަޅާފައިވަނީ މިހާރުވެސް ހުންނަވާ އިންފޮމޭޝަން ކޮމިޝަނަރު، ޕްރައިވަސީ ކޮމިޝަނަރުގެ ޒިންމާތައްވެސް އުފުއްލަވާ ގޮތަށެވެ. މިގޮތުން، މަޢުލޫމާތާ ގުޅޭ ޝަކުވާތައް ބަލައި ތަޙުޤީޤުކުރުމުގެ ބާރާއި، އުސޫލުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އިޚްތިޞާޞް މި ކޮމިޝަނަރަށް ލިބިގެންދާނެއެވެ.