ނެޝަނަލް ޕޭކޮމިޝަނުން، ޕޭ ހަރމަނައިޒް ކުރިއިރު އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް މިމަހު، މުސާރައިގެ ކުރިއެރުން ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕޭ ހަރމަނައިޒޭޝަންގެ ތެރެއިން ހިއުމަން ރިސޯސަސް، ލީގަލް ދާއިރާ އަދި ކައުންސިލްތަކުގެ ބައެއް މަޤާމުތަކުގެ މުސާރައަށް ކުރިއެރުން ނުލިބި ހުރި މައްސަލައަށް މި މޭ މަހުން ފެށިގެން ހައްލެއް ލިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މުސާރަ އެއްވަރެއްގައި ހިފެހެއްޓިފައިވާ މުވައްޒަފުންނަށް މިމަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ޕޭ ކޮމިޝަނުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، ކޮމިޝަނުން އެ މުވައްޒަފެއްގެ މައްސަލަ ވަކިވަކިން ބައްލަވައިގެން ނަމަވެސް އިންސާފުވެރި ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.