ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢު “ބިންވެރިޔާ” ސްކީމްގެ ގަވާއިދަށް ގެނައި އިޞްލާޙުތަކާއެކު، އޭގެ ތިންވަނަ ގިންތި (ކެޓަގަރީ 3) އަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ގެންނެވި ބަދަލުތަކާއެކު، ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އާ އުސޫލުގެ ދަށުން ކެޓަގަރީ 3 އަށް ފުރުސަތު އޮތީ ބިންވެރިޔާ ސްކީމުން ކުރިން ލިބުނު ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވާން ބޭނުންވާ މީހުންނަށާއި، ”ޖޮއިންޓް އެޕްލިކޭޝަން“ ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެ ގޯތި ދޫކޮށްލާފައި ވަކިވަކިން ގޯއްޗަށް ނުވަތަ ފްލެޓަށް އެދެން ބޭނުންވާ ފަރާތްތަކަށެވެ.
ރަސްމާލެއިން 1,250 އަކަފޫޓުގެ ގޯތި ދޫކުރަން ނިންމާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ “އާއިލީ ބޯހިޔާވަހިކަން” ސްކީމަށްވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، އަމިއްލައަށް ފޯމު ހުށަނޭޅޭ ފަރާތްތަކާއި ކުޑަކުދިންގެ ބަދަލުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންނަށް މި މަހުގެ 20 އިން ފެށިގެން ޖޫން 15 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ސަރުކާރުން ބޯހިޔާވަހިކަމުގެ ކެޓަގަރީތައް ތަރުތީބުކޮށްފައިވަނީ ބޭނުންޖެހިފައިވާ އެކި ފަރާތްތަކަށް އަމާޒުކޮށްގެންނެވެ. އެގޮތުން ކެޓަގަރީ 1 ގައި ބިންވެރިޔާ ސްކީމުން ގުޅިގެން ގޯތި ހޯދި މީހުން ހިމެނޭއިރު، ކެޓަގަރީ 2 ހާއްސަވަނީ ކުރީގެ މަޝްރޫއަކުން ފްލެޓް ލިބުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށެވެ. މިއީ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1