ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށް،މިހާރު ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކަމަށެވެ. ހުޅަނގު މޫސުމަކީ ގާތްގަނޑަކަށް މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މެޓް އިން ބުނީ، ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާނެ ކަމަށެވެ. އޭގެ ފަހުން މި މޫސުމުގެ އަސަަރު މެދުރާއްޖެތެރއަށް ފޯރައި މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު ފެށޭނެ ކަމަށް މެޓް އިން މައުލޫމާތު ދެއެވެ.
އެގޮތުން، މެޓް އިން ބުނިގޮތުގައި ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މިމަހުގެ8 ވަނަ ދުވަހުގައެވެ.
ހުޅަނގު މޫސުން ފެށުނު ކަމަށް މެޓް އިން ބަލާ މިންގަނޑު:
- މޭ މަހުގެ 1 ވަނަ ދުވަހުގެ ފަހުން، ދެކުނުގެ ސްޓޭޝަންތަކުގެ %60 އަށް 2.5 މިލިމީޓަރަށްވުރެ ގިނައިން ވާރޭވެހުން.
- ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، %60 ސްޓޭޝަންތަކަށް 10 ނޯޓަށްވުރެ ބާރަށް ވައިޖެހުން.
- މި ބަދަލުތައް ވިދިވިދިގެން 2 ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ހުރުން.
ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.މި ދުވަސްވަރަކީ މޫސުން ގޯސްވެ، ކަނޑުގަދަވާނެ ދުވަސްވަރަކަށް ވާތީ، މެޓް އޮފީހުން އިރުޝާދު ދެއްވަނީ އެންމެ ފަހުގެ މޫސުމީ މަޢުލޫމާތަށް ސަމާލުވުމަށެވެ.