ކުޑަކުދިން ހެދިބޮޑުވަމުން އަންނަ މަރުހަލާތަކާ އެކަށީގެންވާ ތަޢުލީމާއި ރަނގަޅު ތަރުބިއްޔަތު އެކުދިންނަށް ފޯރުކޮށްދިނުމަކީ، ދައުލަތާއި ރައްޔިތުން އެކުގައި އުފުލަންޖެހޭ ޤައުމީ ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނު ފޮނުއްވި ޚިތާބުގައެވެ.ކުޑަކުދިންނަށް ދީނީ އަދި ދުނިޔަވީ އިލްމު އުނގަންނައިދީ، މާދަމާގެ ޒިންމާދާރު ބަޔަކަށް އެކުދިން ތައްޔާރުކޮށްދިނުމަކީ އެކުދިންނަށް ދެވޭނެ އެންމެ ބޮޑު ލޯބިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ، ކުދިންގެ މައުސޫމްކަމަށް ގެއްލުންވާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދިނުމަކީ އެންމެންގެ ވާޖިބެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓަނެޓްގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން އެކުދިން ރައްކާތެރިކުރުމަށްޓަކައި، ބެލެނިވެރިންނާއި މުދައްރިސުން އާ އުކުޅުތަކާއި ހޯދުންތަކުގެ ބޭނުންކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ތައުލީމާއި އުފާ ފަހިކޮށްދޭން ކުދިންނަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުން މިއަދު ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތަކާއި ފެންވަރު ރަނގަޅު ތައުލީމު ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ކުއްޖަކަށްމެ ތައުލީމީ ނިޒާމުގެ ތެރެއިން ކުރިއަށްދިއުމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.