ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ކުޑަކުދިންނަށާއި އާއިލާތަކަށް ތަހުނިޔާ ފޮނުއްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ ކުޑަކުދިންނަށް އޯގާތެރިކަމާއެކު އަޅާލުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާފައެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، ހެޔޮލަފާ ދަރިންތަކެއް ބޮޑުވަމުންދާ ގައުމެއްގެ މުސްތަގުބަލާ މެދު މާޔޫސްވާން ނުޖެހޭނެ ކަމަށެވެ. އަދި ކުޑަކުދިންނަށް އަޅާލައި، އޯގާތެރިކަމާއެކު އެކުދިން ހިމާޔަތްކުރާހާ ހިނދަކު، ގައުމުގެ ކުރިމަގަށް ކުރާ އުންމީދުތައް ހަގީގަތަކަށް ވަމުންދާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހަކީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ.މިއީ ކުޑަކުދިންގެ ޙައްޤުތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި، އެކުދިންނަށް އުފާވެރި އަދި ރައްކާތެރި މާޙައުލެއް ބިނާކޮށްދިނުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ފާހަގަކުރާ ދުވަހެކެވެ.