ސިފައިންނަށް ހައުސިން ސްކީމްތަކުން ފުރުޞަތު އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ދިވެހި ސިފައިންގެ ޚިދުމަތަށް 134 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ކޮންމެ ދިވެއްސެއްގެވެސް އަސާސީ ޙައްޤަކަށް ވާއިރު، ޤައުމުގެ ދިފާޢުގައި މަސައްކަތްކުރާ ސިފައިންނަށްވެސް އެ ޙައްޤު ފުރިހަމައަށް ލިބެންޖެހޭ ކަމަށެވެ.މީގެއިތުރުން، ސަރުކާރުން ހިންގާ ޢާންމު ހައުސިންގް ސްކީމްތަކުގެ ތެރެއިން، ސިފައިންނަށް ޚާއްޞަކޮށްގެން ދޫކުރާ ޔުނިޓްތަކުގެ ޢަދަދު އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގަތެވެ.
ހަމަމިއާއެކު، އިޚްލާޞްތެރިކަމާއެކު ދިގު މުއްދަތަކަށް ޚިދުމަތްކުރާ ސިފައިންނަށް، މިހާރު އޮތް ލިމިޓޭޝަންތަކުގެ ސަބަބުން ވަކި ހިސާބަކުން ޚިދުމަތުން ވަކިވާންޖެހޭ އުޞޫލު ބަދަލުކުރައްވައި، ދާއިމީކޮށް ޚިދުމަތުގައި ދެމިތިބެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިފައިންގެ ބޭފުޅުންނަށް އެ ބޭފުޅެއްގެ ޢާއިލާ ދިރިއުޅޭ ރަށެއް ނުވަތަ ސަރަޙައްދެއް ހިމެނޭ އޭރިއާ ކޮމާންޑެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ‘ރަތް ރޮނގު’ ރައްކާތެރިކޮށްދެނީ، އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށްގެން ސިފައިން ކުރާ މިންނެތް މަސައްކަތުން ކަމަށެވެ. އެހެންކަމުން، ސިފައިންގެ ކޮންމެ މީހެއްގެ ކުރިއެރުމަކީވެސް ނުހަނު މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ސިފައިންގެ ލާބަޔާއި މަންފާއަށްޓަކައި ސަރުކާރުން ކުރަން ރާވާފައިވާ ބައެއް މުހިންމު ކަންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިފައިންގެ ސަރވިސް ކޯގެ ‘ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް’ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ މި މަރުކަޒަކީ ސިފައިންގެ ފަންނީ ހުނަރާއި ޢިލްމީ ޤާބިލުކަން ތަރައްޤީކުރުމަށްޓަކައި ހިންގާ ސްކޫލެކެވެ.
މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ، ދިފާޢީ ވަޒީރު ޙަސަން ރަޝީދުގެ ދެކަނބަލުންނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ދެކަނބަލުންގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި މި ޖަލްސާގައި ވަނީ ‘ގާޑް އޮފް އޮނަރ’ އެއް އަރުވާފައެވެ. ޖަލްސާގައި އެމްއެންޑީއެފްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.