ރާއްޖޭގައި ސައްޙަ ވޯކްޕާމިޓެއްގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ނަގައި ނިމިއްޖެ ކަން ރައީސް ޑރ މުަހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މި މަސައްކަތުގެ ތަފްސީލު ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ،ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި ނިމިއްޖެ ކަމަށެވެ.
އެގޮތުން ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، ބަޔޯމެޓްރިކްސް ފުރިހަމަވެފައި ހުރީ އެންމެ 13 އިންސައްތަ މީހުންގެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ބާކީ ތިބި މީހުން ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ހިންގުމަށް ނިންމާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން،ބަޔޯމެޓްރިކްސް ފުރިހަމަނުކުރާ ފަރާތްތަކާ މެދު އެކްސްޕެޓް ސިސްޓަމުން ޚިދުމަތް ކަނޑާލުމާއި، ޤާނޫނީ ފިޔަވަޅު އެޅުން ފަދަ ކަންކަން ކުރިއަށްދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއަކީ ކާކުކަން ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.މިއީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ދެނެގަތުމަށް މި ސަރުކާރުން ފެށި ބޮޑު މަޝްރޫއެކެވެ. މީގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރަށްރަށުގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ސަރުކާރުން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް “ރެގިއުލަރައިޒޭޝަން” ނުވަތަ އަލުން ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތުވެސް ދީފައެވެ. މި މުއްދަތުގައި ގަވާއިދަށް ނުފެތޭ މީހުންނަށް ދެން އޮތް ފިޔަވަޅަކީ ޑިޕޯޓުކުރުމެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1