މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ، އަމިއްލަ ބޭންކް އެކައުންޓްތަކުގެ މައުލޫމާތާއި އޯ.ޓީ.ޕީ ފަދަ ސިއްރު ކޯޑުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިން އެދިއްޖެއެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނީ،ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރޭގައި އެކި ފަރާތްތަކުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތައް މެދުވެރިކޮށް، އެކި ފަރާތްތަކުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދައި، އެ ފައިސާ ދައުރުކޮށް “މަނީ މޫލް” ނުވަތަ ކުށުގެ އަސްލު އޮޅުވާލާ ފަރާތްތަކުގެ ގޮތުގައި މުޖުތަމައުގެ ފަރާތްތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ އަމަލުތަކަކީ ބޭންކިންގ ނިޒާމުގެ ނަޒާހަތްތެރިކަން ގެއްލި، އަދި ބައެއް ފަރާތްތަކަށް މާލީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަންކަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން މީގެ ސަބަބުން މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވެ، އެކި ފަރާތްތަކުގެ ފައިސާ ގެއްލިގެންދާކަން ފުލުހުންވަނީ ފާހަގަކޮށްފައެވެ.
މަނީ ލޯންޑްރިންގ އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މިފަދަ އަމަލުތަކަކީ ކުށެއްކަން ފާހަގަކޮށް، މިކަމުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.
އެކައުންޓެއްގެ ހަގީގީ މަންފާ ލިބޭ ފަރާތް ނުވަތަ ‘ބެނެފިޝަލް އޯނަރ’ އޮޅުވާލުމަށްޓަކައި، އެހެން މީހުންގެ ނަމުގައި އެކައުންޓް ހުޅުވައިގެން ފައިސާ ދައުރުކުރުމަކީ ކުށެއްކަން ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. އަދި އަމިއްލަ އެކައުންޓް ބޭނުންކޮށްގެން އެހެން ފަރާތްތަކުގެ ފައިސާގެ މުއާމަލާތްތައް ހިންގުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަންވެސް ފުލުހުން ފާހަގަކުރެއެވެ.
އަމިއްލަ އެކައުންޓްގެ މައުލޫމާތާއި އެކްސެސް އެހެން މީހުންނަށް ދީގެން ފައިސާ ދައުރުކުރުމަކީ ‘މަނީ މޫލް’ ގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ. މީގެ ތެރޭގައި އެކައުންޓްގެ ވެރިފަރާތަށް ނޭނގި ނުވަތަ ކުޑަ މަންފާއެއް ދީގެން، އޮޅުވާލައިގެން ހޯދާ ފައިސާ އެކައުންޓަށް ޖަމާކޮށް އެހެން ފަރާތްތަކަށް ފޮނުވުން ހިމެނޭއިރު، މިފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަކީވެސް ކުށުގެ ބައިވެރިން ކަމުގައި ބެލެވޭނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ. އަދި އެކައުންޓުން ހިންގާ މުއާމަލާތްތައް ވަގުތުން ބެލޭނެ އެސް.އެމް.އެސް ނޮޓިފިކޭޝަން ފަދަ ވަސީލަތްތައް ބޭނުންކުރުމަކީ މިފަދަ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް ފުލުހުން ފާހަގަކުރިއެވެ.
“ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުންގެ އިތުބާރު ހޯދުމަށްފަހު، ބޭންކް އެކައުންޓްތައް ކުއްޔަށް ހިފުމަށް ނުވަތަ ގަތުމަށް އިޝްތިހާރު ކުރަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ އެކައުންޓްތައް ބޭނުންކުރާ ފަރާތްތަކަށް ކުޑަ މަންފާއެއް ދީގެން، އެކި މީހުންގެ އަތުން އޮޅުވާލައިގެން ހޯދާ ފައިސާ ފޮނުވުމާއި ނެގުމުގެ މުއާމަލާތްތައް ހިންގުމަށް ބާރުއަޅަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން، މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން އެކި ނަންނަމުގައި އެކައުންޓްތައް ހުޅުވައި، އެ ފައިސާ ދައުރުކޮށް، ކުށުގެ އަސްލު އޮޅުވާލާ ފަރާތްތަކުގެ އެކައުންޓްތަކަށް ފޮނުވާ ފައިސާއަކީ ޖިނާއީ ބޮޑު ކުށެކެވެ. އެފަދަ ފަރާތްތަކަށް ދޭންޖެހޭ އަދަބު ގާނޫނުގައި ބަޔާންވެގެންވެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ އިދާރާ އާއި، އެމް.އެމް.އޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އާ ގުޅިގެން މައްސަލަތައް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1