ރާއްޖެއަށް ހަންޓާ ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނިގޮތުގައި، ދެކުނު އެމެރިކާގެ ކުރޫޒް ލައިނަރަކުން ހަންޓާވައިރަސް ފެނުނު މައްސަލަ ޑަބްލިއުއެޗްއޯއާ ގުޅިގެން އެ އެޖެންސީން ދަނީ ބަލަމުންނެވެ.
ރާއްޖެއިން މިހާތަނަށް މި ބަލި ޖެހިފައިވާ މީހަކު ނުވަތަ ބަލިމީހަކާ ބައްދަލުވި މީހަކުވެސް ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެ އެޖެންސީން ބުނިގޮތުގައި ރާއްޖެއަށް އޮތް ރިސްކު ކުޑަ ނަމަވެސް، ބައްޔާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އާންމުންނާ ހިއްސާކުރަމުން ގެންދާނެއެވެ. ހަންޓާ ވައިރަހަށް ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ހާމަކޮށްފައެވެ.
ހަންޓާ ވައިރަހަކީ އާންމުކޮށް މީދަލާއި މުޝްކު މީދާ ފަދަ ތަކެތީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. އިންސާނުންގެ ގަޔަށް މި ބަލި އަރަނީ މިފަދަ ޖަނަވާރުގެ ކުޅު، ކުޑަކަމުދާ އެއްޗެހި ނުވަތަ ނަޖިސް ޖެހިފައި ހުންނަ ތަކެތީގައި އަތްލެވިގެން ނުވަތަ އެއިން ބޭރުވާ ހިރަފުސް ނޭވާލުމުގެ ނިޒާމަށް ދިއުމުންނެވެ.