ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ޖުމްލަ 7 ވޯޓުފޮށި ބެހެއްޓުމަށް އީސީ އިން ނިންމައިފިއެވެ.
އީސީ އިން ބުނީ، މީގެ ތެރެއިން 5 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެ ދާއިރާ ނިސްބަތްވާ އައްޑޫ ސިޓީ ހިތަދޫގައި ކަމަށެވެ. ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލްގައެވެ. އެއީ އެ ސްކޫލްގެ ހޯލުގައި ބަހައްޓާ 3 ފޮށްޓާއި، ދެ ކްލާސްރޫމެއްގައި ބަހައްޓާ 2 ފޮށްޓެވެ.
މާލޭގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައި ކަމަށް އީސީއިން ވަނީ މައުލޫމާތު ދީފައެވެ. އައްޑޫ ސިޓީގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ހިތަދޫ ސްކޫލުގައެވެ.
މި ބައި-އިލެކްޝަން ބާއްވަން ޖެހުނު މައިގަނޑު ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކުރިން ފުރުއްވަމުން ގެންދެވި މުހައްމަދު ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. ސިނާންގެ މައްޗަށް ސާބިތުވެފައިވާ 2.5 މިލިއަން ރުފިޔާގެ ދަރަންޏެއް، ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ، ޤާނޫނުއަސާސީގައި ބަޔާންކުރާ މެންބަރުކަމުގެ ޝަރުތު އޭނާގެ ކިބައިން ވަނީ އުނިވެފައެވެ.