މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮތް ގޮތުން ބައެއް ފަރާތްތަކުން އޭގެ ނަހަމަ ބޭނުން ހިފަމުންދާ ކަމަށާއި، މިއީ ގާނޫނަށް ބަދަލު ގެންނަން ޖެހޭ މައިގަނޑު ސަބަބެއް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އުޝާމް ވިދާޅުވީ،ބައެއް ފަރާތްތަކުން ވަރަށް ގިނަ އަދަދެއްގެ މައުލޫމާތު ހޯދަން އެދެނީ ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ހުއްޓުވައި، ދަތިކުރުމުގެ ނިޔަތުގައި ކަމަށެވެ.މިފަދަ “އެބިއުސިވް” ރިކުއެސްޓްތަކަށް ޖަވާބުދޭން އުޅުމުގެ ތެރޭގައި، ދައުލަތުގެ މުވައްޒަފުންގެ ވަގުތާއި ވަސީލަތްތައް ބޭކާރުވަމުންދާ ކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކުރައްވާފައެވެ.
އުޝާމް ވިދާޅުވީ އަމާޒަކީ މައުލޫމާތު ދިނުން ހުއްޓުވުމެއް ނޫން ކަމަށާއި، ނަމަވެސް އެ ހައްގުގެ ބޭނުން ހިފާއިރު ޒިންމާދާރުކަން އިސްކުރުވަން މަޖުބޫރުވާނެ ފަދަ ބަދަލުތަކެއް ގެނައުން ކަމަށެވެ.ގާނޫނަށް ބަދަލު ނާންނަނީސް، މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ދޭންޖެހޭ ހުރިހާ ހާލަތެއްގައި ދައުލަތުގެ އިދާރާތަކުން މައުލޫމާތު ދޭންޖެހޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.