ނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވައިިފިއެވެ.
ކެންޑިޑޭޓުންނާއި ނަންބަރުތައް:
ކެންޑިޑޭޓް ނަންބަރު 1: އަހްމަދު ސައީދު (ސޮޑާ) – ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ކެންޑިޑޭޓް ނަންބަރު 2: އަބްދުﷲ ސޯދިގު (ސޯބެ) – މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން ނިންމާލާފައިވާއިރު، މި އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ތާވަލުކޮށްފައިވަނީ 6 ޖޫން 2026 ވާ ހޮނިހިރު ދުވަހަށެވެ.
އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވާއިރު، މިއީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލުމާ ގުޅިގެން ބާއްވާ މުހިންމު އިންތިޚާބެކެވެ. އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ޕީއެންސީގެ އަހްމަދު ސައީދު އަދި އެމްޑީޕީގެ އަބްދުﷲ ސޯދިގު މިހާރު ވަނީ ކެމްޕޭންގެ ހަރަކާތްތައް ފަށާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ދަނީ ވޯޓާސް ލިސްޓު ފައިނަލް ކުރުމާއި އިންތިޚާބުގެ އިދާރީ އެންމެހާ ތައްޔާރީތައް ވަމުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި މުހައްމަދު ސިނާނަށް ގެއްލުނީ، އޭނާގެ މައްޗަށް ސާބިތުވެފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުން، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ފުރިހަމައެއް ނުވެއެވެ.
މި މައްސަލައިގައި ސިނާންގެ މައްޗަށް ދަރަނި ސާބިތުވެ، އެ ފައިސާ ދެއްކުމަށް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ 12 އޭޕްރީލްގައެވެ.. މި ހުކުމާ އެކު، އެ ދާއިރާގެ ގޮނޑި ހުސްވެ، ބައި-އިލެކްޝަން ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.