މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން،ސެގްމެންޓް 2، 3 އަދި 4 އެއްގައި 278 މީޓަރުގެ ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަަށް އެމްޓީސީސީއިން ހާމަކޮށްފި އެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދާ ސެގްމެންޓް 2، 3 އަދި 4 އެއްގައި 278 މީޓަރުގެ ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ. ޝީޓް ޕައިލިންގްއަށްފަހު މި ސަރަހައްދުތަކުގައި މިހާރު ކުރިއަށްދަނީ،ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް ވަޅުލުމުގެ މަސައްކަތެވެ.މީގެއިތުރުން، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެން ހިންދާ ވަޅުތަކާއި ކެޗްޕިޓްތައް ބެހެއްޓުމުގެ އިތުރުން، ވަރުގަދަކުރުމަށް ބޭނުންވާ އެންކަރ ބްލޮކްތަކާއި ޕެނަލްތަކުގައި ކީވޯލް ހަރުކުރުން ހިމެނެއެވެ.
މަޝްރޫޢުގެ ސެގްމެންޓް 5 އަށް ބަލާއިރު، އެ ސަރަހައްދުގައި މަގުބައްތިތައް މިހާރު ވަނީ ހަރުކޮށް ނިންމާފައެވެ. އަދި ކީވޯލް ފަރާތުގެ ޕޭވްމަންޓް ހެދުމުގެ ބާކީ ހުރި މަސައްކަތްތައް މި ހަފުތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
މީގެ ކުރިން މި މަޝްރޫޢުގެ ސެގްމެންޓް 1 ގެ މަސައްކަތްތައް ގާތްގަނޑަކަށް 97 އިންސައްތަ ނިމި، އެ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން، މާލޭގެ އުތުރު ފަރާތުގެ މަގުތައް ހަތަރު ލޭނަށް ބަދަލުވެ، ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢަކީ، އެ ސަރަހައްދުގައި އޮންނަ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައިދީ، މަގުތައް ހަތަރު ލޭނަށް ބޮޑުކުރުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީ (MTCC) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ 144.5 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢަކީ މާލޭގެ މޫނުމަތި ބަދަލުކޮށްލާނެ މުހިންމު އުމްރާނީ ތަރައްގީގެ މަސައްކަތެކެވެ.