މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ “ތިލަމާލެ ބްރިޖް” މަޝްރޫއުގެ ބޮޑު ބައެއް ނިމި، މަސައްކަތުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
މިވަގުތު ސައިޓުގައި އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ ބްރިޖްގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް ތައްޔާރުކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 86 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ހަދައި ނިމިފައެވެ. އަދި މީގެ ތެރެއިން 60 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ބްރިޖްގައި ހަރުކޮށް ނިންމާފައެވެ.
މަޝްރޫއުގެ އެހެން ސަރަހައްދުތަކަށް ބަލާއިރު، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ވަރަށް ބާރުސްޕީޑުގައި ކުރިއަށްދެއެވެ. ހަމައެއާއެކު، ތިލަފުށީގައި ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްތައް ހަރުކުރުމުގެ އަމަލީ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) ނުވަތަ ތިލަމާލެ ބްރިޖް މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓާއި ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ، ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ. ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިނުގެ މި ބްރިޖާއި ކޯޒްވޭގެ ނިޒާމުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަކީ މުޅި ސަރަހައްދުގެ އިގްތިސާދީ ދުވެލި އަވަސްވެ، ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ. އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތްތައް މީގެ ކުރިން ތާވަލަށްވުރެ ލަސްވި ނަމަވެސް، ފަހަކަށް އައިސް މަސައްކަތުގެ ދުވެލި ވަނީ ބޮޑުތަނުން އަވަސްކޮށްފައެވެ.