ށ. މިލަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު މަސް ދުވަސް ތެރޭ ނިންމާލައިފިއެވެ،
މިކަން އިއުލާނުކުރައްވާ ރައީސް ޑރ މުއިއްޒު ވަނީ ސޯޝަލްމީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ. އަދި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 21 ހެކްޓަރުގެ ބިން ވަނީ އަލަށް ހިއްކާފައެވެ.
މިލަންދޫ އެއަރޕޯޓްގެ ޖުމްލަ ބޮޑުމިނަކީ 25.90 ހެކްޓަރެވެ. އޭގެ ތެރޭގައި އަލަށް ހިއްކި 21 ހެކްޓަރުގެ އިތުރުން، މިހާރު ރަށުގައި އޮތް ބިމުން 4.9 ހެކްޓަރުގެ ސަރަޙައްދެއް އެއަރޕޯޓް އެޅުމަށްޓަކައި ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތަށް ޖުމްލަ 1،134،534 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ.
މި މަޝްރޫޢު މިހާ އަވަހަށް ނިންމާލެވުނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ “ކުއީން އޮފް ދަ ނެދަލޭންޑްސް”ބޭނުންކޮށްގެންނެވެ. 35،000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ އުފުލުމުގެ ބިލުކަން ހުންނަ މި ޑްރެޖަރުގެ އެހީގައި، ބިން ހިއްކުމުގެ މަސައްކަތް ވަނީ ވަރަށް ބާރު މިނުގައި ކުރިއަށް ގެންގޮސްފައެވެ.
މިލަންދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ މި ސަރަޙައްދުގެ ދަތުރުފަތުރާއި އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ދެން ކުރިއަށްދާނީ އެއަރޕޯޓްގެ ރަންވޭއާއި އެހެނިހެން ވަޞީލަތްތައް ޤާއިމުކުރުމުގެ އަމަލީ މަސައްކަތްތަކެވެ.މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.