ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށް، އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ރަސްމީކޮށް ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފައްޓަވައިދެއްވާފައިވާއިރު، މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކުރީ މިއަދު އެ ގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ލަންކާގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމުގެ ގޮތުން، އެންމެ ފުރަތަމަ މި ޚިދުމަތް ހޯދި ދެ ދިވެހިންނަށް މިއަދު ވަނީ ކާޑާއި ޕާސްޕޯޓް ހަވާލުކޮށްފައެވެ.ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖޭއިން ބޭރުގައި އައިޑީކާޑާއި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ތަޢާރަފްކުރީ މީގެ އަހަރެއްހާ ދުވަސް ކުރިން މެލޭޝިއާގައެވެ. ލަންކާ އަކީ ރާއްޖެއިން ބޭރުގައި މި ހިދުމަތް ތައާރަފުކުރެވުނު ދެ ވަނަ ގައުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ، ދިވެހިން ގިނައިން އުޅޭ ބޭރުގެ ގައުމުތަކުގައި ތިބެގެން ފަސޭހަކަމާއެކު އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ހޯދޭނެ މަގު ފަހިކޮށްދިނުމެވެ.