އިންޑިއާ ކަނޑުގެ ހަމަޖެހުމާއި، ދެމެހެއްޓެނިވިކަމާއި، އަދި ވިލުންވެރިކަމަކީ ރާއްޖެއާއި ސްރީލަންކާގެ ތަނަވަސްކަމާ ގުޅިފައިވާ އަސާސީ ކަންކަން ކަމަށާއި، މި ސަރަހައްދުގެ ކުރިމަގު ބިނާކުރުމުގައި ލަންކާއަކީ ވަކިނުކުރެވޭނެ މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު ސްރީލަންކާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން “މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް” ގައި ދެއްވި ތަޤުރީރުގައެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ބާޒާރާ މެދު ލަންކާގެ ވިޔަފާރިތަކުން ގެންގުޅޭ ޒަމާންވީ ފަރިތަކަމުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީގައި އެ ގައުމުގެ ހިއްސާ ބޮޑު ކަމަށެވެ. ޚާއްޞަކޮށް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ނަމޫނާތައް ކުރިއެރުވުމާއި، ޑިޖިޓަލް އިނޮވޭޝަނާއި ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ ދާއިރާތަކުން އިތުރަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ ދައުވަތު ދެއްވާފައެވެ.
ހަމައެކަނި ލަންކާގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ބަދަލުގައި، ދިވެހި ވިޔަފާރިތަކަށް ވެސް ލަންކާގައި ފުރުސަތުތައް ފަހިވެފައި އޮތުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. . އެމަނިކުފާނު ވިދާޅުވީ، ދެމެހެއްޓެނިވި އަދި ހަމަހަމަ އިޤްތިޞާދީ ގުޅުމަކަށްޓަކައި ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ދެކޮޅަށް ދައުރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އިންޑިއާ ކަނޑުގެ ނާޒުކުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން މޫސުމީ ބަދަލުތަކާއި ސަރަހައްދީ ރައްކާތެރިކަމަކީ ރާއްޖޭގެ އިސްތިރާތީޖީ އިސްކަންދޭ ކަންކަން ކަމަށެވެ. އަދި ބަދަލުވަމުންދާ ދުނިޔެއަކަށް އެކަށީގެންވާ ގޮތަށް ސިޓީތަކާއި، ބަނދަރުތަކާއި، އަދި ހަކަތައިގެ ނިޒާމުތައް ފަރުމާކުރުމުގައި ދެ ގައުމުގެ ގުޅިފައިވާ ޒިންމާތަކާއި ލީޑަޝިޕެއްގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަޤުރީރު ނިންމަވާލައްވަމުން ރައީސް ވަނީ، މި ފޯރަމަކީ ހަމައެކަނި ޚިޔާލު ބަދަލުކުރާ ތަނަކަށް ނުހަދައި، އަމަލީ ގޮތުން އެކުގައި ބިނާކުރުމާއި، އާ އީޖާދުތައް ގެނައުމަށް އާ އަޒުމަކާއެކު މަސައްކަތް ފެށުމަށް ގޮވާލައްވާފައެވެ.ރައީސް ގެ މިދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.