ކުރިއަށް އޮތް ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް، އާންމުކޮށް އެ ދުވަސްވަރު ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން އާންމުކުރި ކުރިއަށް އޮތް ހަތަރު މަހުގެ މޫސުމީ ލަފާގައިވާ ގޮތުން، ޖޫން، ޖުލައި، އޯގަސްޓް އަދި ސެޕްޓެމްބަރު މަހު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އިތުރުން ދެކުނުގެ ރަށްތަކަށް ވެސް ވާރޭވެހޭ މިންވަރު އާންމު ހާލަތަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. މި ލަފާކުރުންތައް ތައްޔާރުކޮށްފައިވަނީ ނިމިދިޔަ އޭޕްރީލް މަހުގެ މޫސުމީ ހާލަތަށާއި، ދުނިޔޭގެ މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ބައިނަލްއަގުވާމީ އެކި ސަބަބުތަކަށް ރިއާޔަތްކުރުމަށް ފަހުގަ އެވެ.
ވާރޭވެހޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ކުރިއަށް އޮތް ހަތަރު މަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ވެސް އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ނިމިދިޔަ މާރިޗު އަދި އޭޕްރީލް މަހަކީ ރާއްޖެއަށް ފަހުގެ ތާރީޚެއްގައި އެންމެ ހޫނުގަދަވި ދުވަސްވަރުގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.
ނަމަވެސް، މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ މޫސުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ދަނީ ބޯކޮށް ވާރޭވެހި ވިއްސާރަ ކުރަމުންނެވެ. މޫސުމާ ބެހޭ އިދާރާއިން މިއަދު ވެސް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި އާންމުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އަސަރު ރާއްޖެއަށް ގަދަވަމުންދާ ދުވަސްވަރަކަށް ވުމާއެކު، ކުރިއަށް އޮތް މަސްތަކުގައި ވެސް މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.