ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފުލެޓަށް ކުރިމަތިލާއިރު، މާލޭގައި ރަށްވެހިވިތާ އަހަރެއްވާންޖެހޭ ގޮތަށް އޮތް އުސޫލު މިއަދު ބަދަލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، މާލޭގައި ރަށްވެހިވިތާ އަހަރެއް ނުވި ނަމަވެސް، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓެގަރީއަށް ޝަރުތުހަމަވާ ނަމަ މިހާރު ފޯމު ހުށަހެޅޭނެއެވެ. މިއީ ކުރިން އޮތް އުސޫލަށް ގެނައި ބޮޑު ލުޔެކެވެ. ކުރިން އޮންނަ ގޮތުން މާލޭގެ ރަށްވެހިންގެ ގޮތުގައި ގޯއްޗާއި ފުލެޓަށް ކުރިމަތިލެވެނީ މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ މަދުވެގެން އެއް އަހަރު ވެފައިވާ ފަރާތްތަކަށެވެ.
މި ބަދަލާއެކު، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ މީހެއްކަން އަންގައިދޭ ލިޔެކިޔުމާއި، މާލޭގައި ރަށްވެހިވި ތާރީޚު ސާފުވާނެ ލިޔުމެއް އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ. ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މީގެ ކުރިން ވިދާޅުވެފައިވަނީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް އިތުރަށް ހަރުދަނާކޮށް އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ކުރީގެ ސަރުކާރުގެ “ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ނުލިބުނު ފަރާތްތަކަށް މި ސަރުކާރުގެ މަޝްރޫޢުތަކުގެ ތެރެއިން ފުރުސަތު ދިނުމާއި، އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ނިކަމެތިންނަށް އިސްކަންދިނުން ހިމެނެއެވެ.
ސަރުކާރުން ވަނީ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ޖުމްލަ 7،900 ފުލެޓާއި 15،000 ގޯތި ދޫކުރުމަށް ނިންމާފައެވެ. މީގެ ތެރެއިން 4،000 ފުލެޓު ޚާއްސަކޮށްފައިވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް، މާލޭގައި ދިރިއުޅޭ މީހުންނަށް 1،500 ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ބާކީ 2،400 ފުލެޓު ދޫކުރާނީ ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ކެޓެގަރީތަކަށެވެ.
ސަރުކާރުގެ އަމާޒަކީ މި ބަދަލުތަކާއެކު މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުންދާ ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.