އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގެ ތެރޭގައި، ކޮންމެ ހަފުތާއަކު އެތައް ކުޑަކުދިންނެއް ގެއްލެމުންދާކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ‘ހާރެޓްޒް’ އިން ރިޕޯޓުކޮށްފިއެވެ.
އޭޕްރިލް މަހުގެ 23 ވަނަ ދުވަހު ޝާއިޢުކުރި މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއެކު އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އުފެދިފައިވާ ހަލަބޮލިކަމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ދަނީ ވީނުވީއެއް ނޭނގި ގެއްލެމުންނެވެ.
މި ހިތާމަވެރި ހާދިސާތަކުގެ މިސާލެއްގެ ގޮތުން އެ ނޫހުން ފާހަގަކޮށްފައިވަނީ އުމުރުން އެންމެ 4 އަހަރުގެ މުޙައްމަދު ޣަބާންގެ ވާހަކައެވެ. އޭޕްރިލް މަހުގެ ކުރީކޮޅު ޣއްޒާގެ އުތުރުން މުޙައްމަދު ގެއްލުނީ އޭނާގެ އާއިލާ ދިރިއުޅެމުންދިޔަ ފޭލިގެ ކުރިމަތީގައި ކުޅެން ހުއްޓައެވެ. ގެއްލުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޭނާ ފޭލިގެއަށް ވަދެ މަންމަގެ ގައިގައި ބައްދާލުމަށްފަހު ބޭރަށް ނިކުތް ގޮތަށް އެނބުރި އައިސްފައެއް ނުވެއެވެ.
ފަލަސްތީނުގެ ‘ސެންޓަރ ފޯ ދަ މިސިންގ އެންޑް ފޯސިބްލީ ޑިސަޕިއަރޑް’ އިން އަންދާޒާކުރާ ގޮތުގައި މިހާތަނަށް 2,900 ކުޑަކުދިން ވަނީ ގެއްލިފައެވެ. މީގެ ތެރެއިން 2,700 ކުދިން ތިިބީ އިސްރާއީލުގެ ބޮން އެޅުމުގެ ސަބަބުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ބާކީ 200 ކުދިންނަށް ވީގޮތެއް އެއްވެސް ވަރަކަށް ނޭނގެއެވެ.
އިސްރާއީލުން 2023 ވަނަ އަހަރު ފެށި މި ގަތުލުއާންމުގައި މިހާތަނަށް 72,500 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް، އދ. ގެ ހާއްސަ ރެޕަޓުއަރ ފްރެންޗެސްކާ އަލްބަނީސް އިންޒާރު ދެއްވާފައިވާ ގޮތުގައި، މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަސްލު އަދަދު 680,000 އަށްވުރެ މަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
މީގެ އިތުރުން، އަލްޖަޒީރާއިން ކުރި ތަހުގީގަކުން ހާމަވެފައިވާ ގޮތުގައި، 2,842 ފަލަސްތީނު މީހުން ވަނީ އެއްވެސް ނިޝާނެއް ނެތި “އާތްވަށް” ވެގެން ގޮސްފައެވެ. ޣައްޒާގެ ސިވިލް ޑިފެންސް ޓީމުތަކުން ބުނާ ގޮތުގައި މިއީ އިސްރާއީލުން ބޭނުންކުރާ އެމެރިކާގައި އުފައްދާފައިވާ ‘ތާމަލް’ އަދި ‘ތާމޯބަރިކް’ ހަތިޔާރުގެ ސަބަބުން ދިމާވާ ކަމެކެވެ. މިފަދަ ހަތިޔާރުގެ ސަބަބުން އިންސާނާގެ ހަށިގަނޑު އަނދައިގެން ގޮސް މުޅިން ނެތިގެންދެއެވެ.
ޣައްޒާގައި ހިންގަމުންދާ މި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން އަޑުއުފުލަމުންދާއިރު، އެއްވެސް ރަހުމެއް ނެތި އިސްރާއީލުން ދަނީ ކުޑަކުދިންނާއި އާންމުންނަށް އަމާޒުކޮށް ހަމަލާތައް ކުރިއަށް ގެންދަމުންނެވެ.