ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ލަންކާއަށް ވަޑައިގެންފިއެވެ.
2026 މެއި 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނުރާ ކުމަރަ ޑިސަނަޔަކޭގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ލަންކާގެ ރައީސް އަނުރާ ކުމަރަ ޑިސަނަޔަކޭގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމަށް ވަޑައިގަތުމުން، ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސުރިޔާއެވެ. ރައީސްގެ ދެކަނބަލުންނަށް އެއާޕޯޓުން ރަތް ދޫލައިގެ މަރުހަބާއެއް ވަނީ ދަންނަވައިފައެވެ.

ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި، ތަޢުލީމީ، އިގްތިސާދީ، އަދި ސަގާފީ ދާއިރާތަކުން އައު ފުރުސަތުތައް ހޯދުމެވެ. މިގޮތުން ދެ ގައުމުގެ ލީޑަރުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމުގައި، ތައުލީމާއި، ދިފާއީ ދާއިރާއާއި، ސިއްހީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ބައެއް މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި:
- ދެ ގައުމުގެ ދިފާއީ ބާރުތަކުގެ މެދުގައި ތަމްރީނާއި ރިސާޗްގެ ދާއިރާއިން ގުޅުން ގާއިމުކުރުން.
- ޓީޗަރުންނާއި ސްކޫލް ލީޑަރުން ތަމްރީނުކުރުމަށް ދެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީގެ މެދުގައި ވެވޭ އެއްބަސްވުން.
- ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޔުނިވަރސިޓީ އޮފް ކޮލަމްބޯ އާއި ރާއްޖޭގެ ހެލްތް މިނިސްޓްރީއާ ދެމެދު ވެވޭ އެއްބަސްވުން.
- ދެ ގައުމު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމަށް ވެވޭ އެއްބަސްވުން ހިމެނެއެވެ.
- މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ “މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް” ގައި ބައިވެރިވެވަޑައިގަތުމަށާއި، ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ. މި ދަތުރުފުޅަކީ 2025 ވަނަ އަހަރު ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ޒިޔާރަތަށްފަހު، ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ މުހިންމު ދަތުރުފުޅެކެވެ.