މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ރީޖަނަލް އެއާޕޯޓްސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އައްޔަންކުރައްވައިފި އެވެ.
ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ސަރުކާރުގެ މައި ކުންފުނި، އެމްޓީސީސީން ވަނީ މުބީން އެ މަގާމަށް އައްޔަންކުރެއްވިކަން ކަށަވަރުކޮށްދީފައެވެ. މި އައްޔަންކުރެއްވުމާ ގުޅިގެން އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑާއި މުޅި ކުންފުނީގެ ނަމުގައި މުބީނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އެމްޓީސީސީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މުބީންގެ ލީޑާޝިޕްގެ ދަށުން ކުންފުންޏަށް އިތުރު ކުރިއެރުމާއި ކާމިޔާބީތައް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މުބީން މީގެކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އައްޔަންކުރެއްވި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ނަމަވެސް، ރީޖަނަލް އެއާޕޯޓްސްގެ މަސައްކަތްތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެއްކޮށްލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން، އޭނާ ވަނީ ދާދިފަހުން އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އަހުމަދު މުބީނަކީ ކުންފުނިތަކުގެ ހިންގުމުގެ ދާއިރާގެ އިތުރުން ކުޅިވަރުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން އޭނާއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މިހާރުގެ ޗެއާމަން ވެސް މެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ އިތުރުން ދަތުރުފަތުރުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ އެމްޓީސީސީގެ އިސް މަގާމަކަށް މުބީން މި އައްޔަންކުރެއްވީ، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.