އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި ޑިމޮކްރެސީގެ އުސޫލުތައް ދެމެހެއްޓުމަށްޓަކައި މިނިވަން ނޫސްވެރިކަމެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މީސްމީޑިއާ މިއަދު ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަށާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން ކުރިއަރަމުން އަންނަ ޑިމޮކްރެސީއެއްގެ އަސާސްތައް ނެގެހެއްޓުމުގައި މިނިވަން ނޫސްވެރިކަމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބާރެއް ކަމަށެވެ.
މެޑަމް ސާޖިދާގެ ޕޯސްޓުގައި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ނޫސްވެރިކަމުގެ އަސާސީ އުސޫލުތަކާ އެއްގޮތަށް ތެދު ހަގީގަތް ހޯދުމަށާއި، މައުލޫމާތު ފެތުރުމުގައި ސައްހަކަން ކަށަވަރުކުރުމަށް އެކަމަނާ ބާރުއެޅުއްވި އެވެ.
“އަޅުގަނޑުމެން އެބަ ޖެހޭ ޒިންމާދާރުކޮށް ނޫސްވެރިކަން ކުރާނެ މާހައުލެއް ގާއިމްކުރުން. ނޫސްވެރިންނާއި ނޫސްވެރިކަމުގެ އުސޫލުގައި ހިފައި ތެދު ހަގީގަތަށް ހޯދާ ބަޔެއްކަމުގައި ކަށަވަރުކުރަން.” މެޑަމް ވިދާޅުވިއެވެ.
މީގެ އިތުރުން، އިންސާފުވެރިކަމާއި ވަކި ފަރާތަކަށް ނުޖެހި ހަބަރު ފެތުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މެޑަމް ވަނީ ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
މި މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތަހުނިޔާގެ ހިތާބުގައި، މީޑިއާއަކީ ދައުލަތުގެ “ހަތަރުވަނަ ބާރު” ކަމުގައި ސިފަކުރެއްވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުން ބާރުވެރިކުރުވުމަށާއި، ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކުރުވައި ހާމަކަންބޮޑު ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާކުރުމަށް ޒިންމާދާރު ނޫސްވެރިކަމެއްގެ ބޭނުންތެރިކަން ބޮޑު ކަމަށެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވީ، އެއީ އިސްލާމްދީނުގައި ނުހަނު ފުޅާދާއިރާއެއްގައި ފުރުސަތު ދީފައިވާ ކަމެއް ނަމަވެސް، އެކަމުގައި ހިފަހައްޓަންޖެހޭ ވަކި އިންތަކަކާއި އަހުލާގީ މިންގަނޑުތަކެއް ވާކަމަށެވެ. އެގޮތުން މުޖުތަމައުގެ އާންމު މަސްލަހަތާއި، ގައުމީ ސަލާމަތާއި، އިންސާނީ އަބުރާއި ކަރާމަތަށް އިހުތިރާމްކުރުމަކީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ލާޒިމްކުރާ ކަންތައްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ.