މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1
ރައްޔިތުން ބާރުވެރިކުރުވުމާއި، ހާމަކަންބޮޑު ޒިންމާދާރު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ނޫސްވެރިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ. ރައީސްގެ ޚިޠާބުގައި، މީޑިއާއަކީ ދައުލަތުގެ ތިން ބާރު ގުޅުވައިދޭ “ހަތަރުވަނަ ބާރު” ކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރަށް ތަޢުރީފު ކުރެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދީފައިވާ ކަމެއް ނަމަވެސް، އެކަމުގައި ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ވާކަމަށެވެ. އެގޮތުން، އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަކީ އިސްލާމީ އުޞޫލުތަކުގެ ތެރެއިން ނޫސްވެރިން ސަމާލުކަން ދޭންޖެހޭނެ ކަންކަން ކަމުގައި އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މަތީ އެއް މަޞްލަޙަތު ކަމަށެވެ. އަދި ސަރުކާރުގެ “މޯލްޑިވްސް 2.0” ތަޞައްވުރުގެ ދަށުން، ނޫސްވެރިކަމުގެ ދާއިރާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، އަބުރުވެރި ދިރިއުޅުމެއް ބިނާކުރެވޭނެ ދާއިރާއަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން، މީޑިއާ ހިންގުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައިދީ، ޢިލްމީ ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސް ދެއްވި މެސެޖެއްގައިވެސް ވަނީ، މިނިވަން ނޫސްވެރިކަމަކީ މަދަނީ ބައިވެރިވުން ވަރުގަދަކޮށްދީ، ތެދު މަޢުލޫމާތު ރައްކާތެރިކޮށްދޭ ވަސީލަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ނޫސްވެރިން ކުރަމުންދާ އަގުހުރި މަސައްކަތުގައި ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ މީސްމީޑިއާ މެދުވެރިކޮށް ތަހުނިޔާ ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި، މިއަދަކީ ނޫސްވެރިކަމުގެ ދާއިރާގެ އަޚުލާޤީ މިންގަނޑުތަކާ މެދު ފުންކޮށް ވިސްނައި، އެކަންކަން މުރާޖަޢާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.