ރާއްޖޭގައި ތިބޭ މީހުންގެ ބޭންކް ކާޑުތައް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތަށް ހަދައި، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަ ކާޑެއް ތަޢާރަފުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ފިޔަވަޅުތައް އަޅަން ނިންމީ ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށްވުރެ ޑޮލަރު ވިއްކަންޖެހޭ މިންވަރު އިތުރުވެފައިވާތީ، ހުރިހާ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ހަމަހަމަކޮށް ޑޮލަރު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ތިބެގެން ބައެއް ފަރާތްތަކުން އެހެން މީހުންގެ ކާޑުތައް ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގުމާއި ވިޔަފާރިކުރުން ފަދަ ކަންކަން ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަން ހައްލުކުރުމަށްޓަކައި ބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ގާއިމުކުރެވޭ ޑިޖިޓަލް އިންޓަގްރޭޝަނެއްގެ އެހީގައި، ރާއްޖޭގައި ހުންނަ މީހެއްގެ ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ.
“ރާއްޖޭގައި ތިބޭ ސްޓޫޑެންޓުންނަށް ޚާއްސަ ލިމިޓެއް ކަނޑައެޅިފައި އޮވޭ 1200 ޑޮލަރާ ހަމައަށް. އެހެންވީމަ އެ ލިމިޓާއެއްކޮށް އެ ކާޑު ލިބޭނެގޮތް ހަމަޖައްސައި މިދެނީ. ދެން އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ފުދޭވަރަކަށް އަވަހަށް އަޅުގަނޑުމެންނަށް މިކަންތައްތައް ކޮށް ނިންމޭނެ. އެހެންވީމަ ނިމެންދެން އަޅުގަނޑުމެން މިހާރު ދަތިކަމެއްނެތި އެ ގެންގުޅުއްވާ ކާޑެއް ގެންގުޅެވޭގޮތަށް ހަމަޖައްސައިދޭނަން،” ސީއީއޯ ވިދާޅުވިއެވެ.
މި އައު ބަދަލާއެކު، ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ކާޑެއް ނެތް ކުދިންނަށް، އެކުދިންގެ ބެލެނިވެރިޔާ ރާއްޖޭގައި ހުރި ނަމަވެސް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ބޭންކުން ހަމަޖައްސައިދޭނެއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، މި ސްޓޫޑެންޓް ކާޑު ދޫކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެއެވެ. އަދި އެ ކާޑު ދޫކޮށް ނިމެންދެން، މިހާރު ގެންގުޅޭ ކާޑުތައް ދަރިވަރުންނަށް ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ. މި އައު އިންތިޒާމުގެ ސަބަބުން ކިޔަވާ ކުދިންނަށް އިތުރު ލުއިތަކާއި ފައިދާތައް ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.