ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބޭ ބޭރު ފައިސާގެ މިންވަރަށްވުރެ ބޭރުވާ މިންވަރު އިތުރުވުމާ ގުޅިގެން، ރާއްޖޭގައި ތިބެގެން ކާޑުން ކުރާ ޑޮލަރުގެ މުއާމަލާތްތައް ކުރުމުގައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އެ ބޭންކުން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް އިޢުލާން ކުރެއްވި ގޮތުގައި، ރާއްޖޭގައި ތިބޭ ފަރާތްތަކުގެ ބޭންކް ކާޑުތައް ބޭނުންކޮށްގެން އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް މިހާރު ވަނީ ނިންމާފައެވެ. މީގެ އިތުރުން، އޮންލައިންކޮށް ބޭރުގެ ސައިޓްތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ވަނީ އައު އުސޫލުތަކެއް ކަނޑައަޅާފައެވެ.
ގެނެވުނު މައިގަނޑު ބަދަލުތައް:
- އޮންލައިން ވިޔަފާރި:ޓީމޫ ފަދަ އީ-ކޮމާސް ސައިޓްތަކުން ވިޔަފާރިކުރުމަށް ކޮންމެ ކަސްޓަމަރަކަށް މަހަކު ކުރެވޭނީ ގިނަވެގެން 30 ޓްރާންސެކްޝަނެވެ. މިއީ މަދު ބަޔަކު ގިނަ އަދަދަކަށް ޑޮލަރު ބޭނުންކުރުން ހުއްޓުވައި، ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ބަޖެޓް ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް ނިންމި ނިންމުމެކެވެ.
- ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރުމުގެ ބަދަލުގައި، ޚާއްޞަ ‘ސްޓޫޑެންޓް ކާޑެއް’ ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. މި ކާޑަށް މަހަކު 1,200 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.
- ކްރެޑިޓް ކާޑު: އެކަކަށް ވުރެ ގިނަ ކްރެޑިޓް ކާޑު ގެންގުޅޭ ފަރާތްތަކުން އެއް ކާޑަށްވުރެ ގިނަ ކާޑުން އަހަރީ ފީ ނުނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
- ޓީޓީގެ ޚިދުމަތް: ބޭރު ފައިސާ ވިއްކައިގެން ފޮނުވާ ޓީޓީތަކުގެ ޚިދުމަތް ބޭންކް ހުޅުވިފައި ހުންނަ ގަޑިތަކަށް މިހާރު ވަނީ ހަނިކޮށްފައެވެ.
މި ބަދަލުތައް ގެންނަން ޖެހުނު ސަބަބާ ގުޅޭގޮތުން ސީއީއޯ ޝަރީފް ވިދާޅުވީ، ބޭންކަށް ޑޮލަރު ލިބޭ މިންވަރު ތިންބައިކުޅަ އެއްބަޔަށް ދަށްވެފައިވާ އިރު، މުދާ އެތެރެކުރުމަށާއި އެހެނިހެން ބޭނުންތަކަށް ބޭރަށް ފޮނުވާ ޑޮލަރުގެ މިންވަރު ދެގުނަ އިތުރުވެފައިވާ ކަމަށެވެ.
ބޭންކުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ރާއްޖެއަށް 1.58 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް، 1.45 ބިލިއަން ޑޮލަރު ވަނީ ރާއްޖޭން ބޭރުވެފައެވެ. ރާއްޖޭގައި ޑޮލަރުގެ ތާށިކަން ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 18 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގައެވެ.
މި ފިޔަވަޅުތަކަކީ ބޭންކަށް ލިބޭ މަދު ބޭރު ފައިސާކޮޅު، ވީހާވެސް ގިނަ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދިނުމަށް އެޅި ވަގުތީ ފިޔަވަޅުތަކެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ. ނަމަވެސް، ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކަށް އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށްވެސް ބޭންކުން ވަނީ ޔަގީންކޮށްދީފައެވެ.