ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އިންސާނީ ގަތުލުއާންމާއި ކާރިސާއަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ހޯދުމަށް ދަތުރުކުރި “ގްލޯބަލް ސުމޫދު ފްލޮޓިލާ” އަށް އިސްރާއީލުން ދިން ހަމަލާ، ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ 11 ގައުމެއްގެ ފޮރިން މިނިސްޓަރުން ގުޅިގެން ނެރުއްވި ބަޔާނެއްގައި ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން އާންމުކުރި މި ބަޔާނުގައި ރާއްޖޭގެ އިތުރުން ބަނގްލަދޭޝް، ބްރެޒިލް، ކޮލަމްބިއާ، އުރުދުން، ލީބިޔާ، މެލޭޝިޔާ، ޕާކިސްތާން، ސައުތު އެފްރިކާ، ސްޕެއިން އަދި ތުރުކީވިލާތް ހިމެނެއެވެ. މި ގައުމުތަކުން ސިފަކުރި ގޮތުގައި، ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަދަނީ ފަރާތްތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ސުލްހަވެރި ހަރަކާތެކެވެ.
ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އޮތް މި އުޅަނދުފަހަރަށް އިސްރާއީލުން ދިން ހަމަލާތަކާއި، އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރި އެކްޓިވިސްޓުން ގާނޫނާ ހިލާފަށް ހައްޔަރުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ފޮރިން މިނިސްޓަރުންގެ ބަޔާނުގައި، އިސްރާއީލުގެ ބަންދުގައި ތިބި މަދަނީ އެކްޓިވިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެ ފަރާތްތައް އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް ބޭނުންވާ އެންމެހައި ފިޔަވަޅުތައް އެޅުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އޮތް އަހުލާގީ އަދި ގާނޫނީ ޒިންމާ އަދާކުރުމަށް މި ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ. އަދި އިސްރާއީލުން ހިންގަމުންދާ މިފަދަ ލާއިންސާނީ އަމަލުތަކަށް އެ ފަރާތްތައް ޖަވާބުދާރީ ކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް 11 ގައުމުގެ ފޮރިން މިނިސްޓަރުން ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން އަބަދުވެސް ވަކާލާތު ކުރަމުންދަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައެވެ. މި ބަޔާނަކީ އިސްރާއީލުން ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށް ހިންގާ އުދުވާންތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.