ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ުހިއްމު އެއްބަސްވުންތަކެއް ބަދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަންނަ އާދީއްތަ ދުވަހު ފަށަން ހަމަޖެހިފައިވާ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ކެބިނެޓް ވަޒީރުންގެ އިތުރުން ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ލީޑަރުންގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި، މުހިންމު ދާއިރާތަކަކުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ލަންކާގެ ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ރުހުން ދީފައެވެ.
ސޮއިކުރުމަށް ހަމަޖެހިފައިވާ މައިގަނޑު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:
- ދިފާއީ ދާއިރާ: ދެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ މެދުގައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، މުވައްޒަފުން ބަދަލުކުރުމާއި ރިސާޗްގެ ދާއިރާއިން ގުޅުން ބަދަހިކުރުން.
- ތައުލީމީ ދާއިރާ: ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވެރިން ތަމްރީނުކުރުމަށް ދެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީގެ މެދުގައި ވެވޭ އެއްބަސްވުން.
- ސިއްހީ ދާއިރާ: ރާއްޖޭގެ ހެލްތު މިނިސްޓްރީއާއި ލަންކާގެ ފެމިލީ އެންޑް ވެލްފެއާ އަދި ޔުނިވާސިޓީ އޮފް ކޮލަމްބޯއާ ދެމެދު ވެވޭ އެއްބަސްވުން.
- ފަތުރުވެރިކަން: ދެ ގައުމުގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކޮށް ކުރިއެރުވުމަށް ވެވޭ އެއްބަސްވުން.
މީގެ އިތުރުން ވެސް އިގްތިސާދީ އަދި އިޖުތިމާއީ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް މި ދަތުރުފުޅުގައި ކުރިއަށްދާނެއެވެ. ރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގައެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ރަހުމަތްތެރިކަން އިތުރަށް ބަދަހިވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރައްވައެވެ.