ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ފަހަތަށް ސިފަވަމުންދަނީ ހަމައެކަނި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ނޫން ކަމަށާއި، އެއީ އެންމެންގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ ދަރަޖަ ހަތަރު ދަރަޖަ ދަށަށް ގޮސްފައިވަނީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލްތަކާއި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމާ ގުޅިގެންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ޕްރެސް ފްރީޑަމް އިންޑެކްސް ކަނޑައެޅުމުގައި ބަލަނީ ހަމައެކަނި ސަރުކާރާއި މީޑިއާއާ އޮންނަ ގުޅުމަށް އެކަނި ނޫން ކަމަށެވެ.
“ބައްލަވާ ޕްރެސް ފްރީޑަމް އިންޑެކްސް އެބޭފުޅުން މިނަ ކިރަނީ ހަމަ އެކަނި ސަރުކާރަކުން ނޫނޭ. ސަރުކާރުގެ ޕަފޯމެންސް ނުވަތަ ސަރުކާރަކުން މީޑިއާއާއި އޮންނަ ގުޅުން އޮންނަނީ ރަނގަޅަށްތޯ ގޯސްކޮށްތޯ، ތިރިއަށްތޯ މައްޗަށްތޯ، މަދުތޯ ގިނަތޯ އެކަންޏެއް ނޫނޭ. އޭގެ ޒިންމާ ތިބޭފުޅުން ވެސް އޮވޭ” މުންދު ވިދާޅުވިއެވެ.
ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންޑެކްސްއަކުން ގައުމެއްގެ ދަރަޖަ ދަށްވުމަކީ އެ ގައުމަކުން ގޯސް ކަންތައްތަކެއް ކުރުން ނޫން ކަމަށް ވެސް ވެދާނެއެވެ. އެގޮތުން، ރާއްޖެއަށްވުރެ ތިރީގައި ތިބި ގައުމުތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދުމަކީ ވެސް ރާއްޖޭގެ ރޭންކިންއަށް ބަދަލު އަތުވެދާނެ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ހެޔޮ ނިޔަތުގައި ކުރެވޭ ކަންކަން ސިޔާސީ ބޭނުމަކަށްޓަކައި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބޭރުގެ ފަރާތްތަކަށް ނުބައިކޮށް ސިފަކޮށްދޭކަން މުންދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ބައެއް ފަރާތްތަކުން އިނގިރޭސި ބަހުން ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަނީ ވަކި ބަޔަކަށް ވަކި މެސެޖެއް ދިނުމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތައް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އާއި ސީޕީޖޭ ފަދަ ތަންތަނަށް އިހުތިރާމް ކުރައްވާ ކަމަށާއި، އެ ފަރާތްތަކަށް ޖަވާބުދާރީވާން ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ރޭންކިން ރަނގަޅުވުމަކީ ގައުމަށް ލިބޭނެ ރީތި ނަމެއް ކަމަށާއި، އެކަމުގައި ހުރިހާ މީޑިއާތަކެއް ގުޅިގެން މަސައްކަތް ކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ފަހަތަށް ދަނީ އެހެން ގައުމުތަކުގެ ކުރިއެރުމާ އަޅާބަލައިގެން ކަމަށާއި، ރާއްޖޭގައި ކުރާ ހެޔޮ ކަންތައްތަކުގެ މައުލޫމާތު ސިޔާސީ ބޭނުމަށްޓަކައި އޮޅޭ ގޮތަށް ބޭރުގެ ފަރާތްތަކަށް ފަތުރަމުންދާކަން މުންދު ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ ޖަމިއްޔާތަކަށް އިހުތިރާމްކުރައްވާ ކަމަށާއި، އެ ފަރާތްތަކަށް ޖަވާބުދާރީވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.