އޮންލައިން ނޫސް “އަދަދު” އިން ތައްޔާރުކޮށް އާންމުކުރި “އައިޝާ” ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ފަށާފައިވާ ތަހުގީގަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކުން އަންގައިގެން ކުރިއަށްގެންދާ ކަމެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރާއްޖޭގައި ގާނޫނީ ގޮތުން ތަހުގީގެއް ހިންގަން އެންގުމުގެ ބާރު އޮންނަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ކަމަށެވެ. އަދި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ މިނިވަންކަމާއެކު މައްސަލަތައް ބެލުމުގެ އިޚުތިޞާޞް ލިބިގެންވާ މުއައްސަސާތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ތަރުޖަމާނު އިތުރަށް ހާމަކުރެއްވި ގޮތުގައި، އެ ޑޮކިއުމެންޓްރީއާ ގުޅިގެން މިހާރު ދެ މައްސަލައެއް ދަނީ ބަލަމުންނެވެ. އެއީ ގަޒްފުގެ މައްސަލައަކާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންފާރުން ބޭރުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މީގެ ތެރެއިން އެއް މައްސަލަ ފުލުހުން ބަލަމުންދާއިރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ އެ ކޮންޓެންޓާ ގުޅޭ ތަހުގީގެއް ހިންގަމުންނެވެ.
“މިހާރު ހިނގަމުންދާ ތަހުގީގަކީ ރައީސް މުއިއްޒު އަންގަވައިގެން ކުރި ކަމެއް ނޫން ކަމަށާއި އަދި ސަރުކާރުން އަންގައިގެން ކުރި ކަމެއް ނޫން.” މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ “އަދަދު” ނޫހުގެ އޮފީސް ފުލުހުން ބަލައި ފާސްކުރީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށެވެ. ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ އެ ބައްދަލުވުމުގެ މާ ކުރިން ކަމަށާއި، ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މި މަހުގެ 14 އިން ފެށިގެން އެ މައްސަލަ ބަލަން ފަށާފައިވާ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“ބައެއް ފަރާތްތަކުން މީޑިއާގައި މި ލިޔަނީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭފުޅުން [އަދަދު] އިން ވެވަޑައިގެންނެވި އިއުތިރާފު ނުވަތަ ކުރެއްވި ސުވާލާ ގުޅިގެން ރައީސް ދެއްވި ޖަވާބާއި ގުޅިގެން ހިނގި ކަމެކޭ އެރޭ އަދަދުގެ އޮފީހަށް ފުލުހުން ވަޑައިގެން ކޯޓު އަމުރަކާއި އެކީގައި ސާޗް އެންޑް ސީޖާ މަސައްކަތެއް ކުރެއްވީ” މުންދު ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވަނީ ޕީޖީ އޮފީހުން އެކަމަށް އެދިފައިވާތީ ކަމަށާއި، ސަރުކާރުގެ އެއްވެސް ނުފޫޒެއް މިކަމުގައި ނެތް ކަމަށް ތަރުޖަމާނު ތަކުރާރުކޮށް ވިދާޅުވިއެވެ.