ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތުތައް ހާމަކަން ބޮޑު ގޮތެއްގައި ނޫސްވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ހާއްސަ ޕްރޮގްރާމެއް މިއަދު ފައްޓަވައިފިއެވެ.
“ޕްރެސަރ ވިތު ދަ ސްޕޯކްސް” ގެ ނަމުގައި މިއަދު ފެށި މި ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބާއްވާފައެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވަމުން ތަރުޖަމާނު ވިދާޅުވީ، އޭނާ މާލޭގައި ހުންނަވާ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މަޢުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމާއި، ނޫސްވެރިން ތައްޔާރުކުރާ ޚަބަރުތަކަށް ބޭނުންވާ ސަރުކާރުގެ ރަސްމީ ބަހެއް ނުވަތަ ތަފާސްހިސާބުތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.
“ތިބޭފުޅުން ފައިލް ކުރަމުންދާ ސްޓޯރީތަކަށް ސަރުކާރުގެ ރައުޔެއް، ނުވަތަ މައުލޫމާތެއްވިޔަސް ނުވަތަ ސްޓެޓިސްޓިކެއްވިޔަސް ނޫނިއްޔާ އަޅުގަނޑުގެ ސައުންޑް ބައިޓެއް ބޭނުންވިޔަސް އަޅުގަނޑު މިއުންމީދުކުރަނީ ތިބޭފުޅުންގެ މަސައްކަތަށް މި ބައްދަލުވުން ވެގެންދާނީ ފަސޭހައަކަށޭ،” ތަރުޖަމާނު ވިދާޅުވިއެވެ.
ކޮންމެ ބައްދަލުވުމެއްވެސް ގާތްގަނޑަކަށް 55 މިނެޓަށް ކުރިޔަށް ގެންދާނެކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ އެ ވަގުތުގެ ތެރޭގައި ވީހާވެސް ގިނަ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް އިސްކަންދެއްވާނެ ކަމަށާއި ސަރުކާރުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހިއްސާކުރަން ބޭނުންފުޅުވާ މައުލޫމާތެއް އޮތިއްޔާ އެ ބައްދަލުވުމުގައި އެކަން ހިއްސާކުރައްވާނެ ކަމަށެވެ. އަދި ބައްދަލުވުމުގެ ބޭރުން އިތުރު މަޢުލޫމާތެއް ބޭނުންވާ ނޫސްވެރިންނަށް އެ ފުރުސަތުވެސް ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ސަރުކާރުގެ މަޢުލޫމާތުތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، “ދަފީޑް.އެމްވީ” (thefeed.mv) ގެ ނަމުގައި އިންސްޓަގްރާމް އަދި ޓިކްޓޮކް އެކައުންޓްތަކެއްވެސް މިއަދު ވަނީ ތަޢާރަފުކޮށްފައެވެ. މި މަންސަތައް މެދުވެރިކޮށް “ޕްރެސަރ” ގެ އަޑާއި މަންޒަރުގެ އިތުރުން ސަރުކާރުގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ އަދާހަމަ ރައްޔިތުންނަށް ފެންނަން ހުންނާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.
މި ނިންމުމަކީ ސަރުކާރުން މަޢުލޫމާތު ހާމަކުރުމަށާއި ނޫސްވެރިންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.