ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިންގެ ފަރާތުން މިދިޔަ އަހަރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގެ ހުކުމް އިއްވުން ލަސްވެގެން ދިޔައީ ކޯޓުގެ ބެންޗަށް އައި ބޮޑެތި ބަދަލުތަކަކާ ގުޅިގެންނެވެ. އެގޮތުން މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދަނިކޮށް، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ސަސްޕެންޑުކޮށްފައެވެ. އޭގެ ފަހުން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވިއިރު، އަނެއް ދެ ފަނޑިޔާރުން ވަނީ މަގާމުން ވަކިކޮށްފައެވެ.
މިއަދު އިއްވި ހުކުމުގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އުސޫލުތަކަކީ ހަމައެކަނި ބަރުލަމާނީ ނިޒާމުތަކުގައި އޮތް ކަމެއް ނޫނެވެ. އަދި އެއީ އަސާސީ ހައްގުތަކާ ފުށުއަރާ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ގާނޫނުއަސާސީގެ ސިޔާދަތީ ބާރަށް އުނިކަންލިބޭ ކަމެއް ނޫން ކަމަށާއި، ސިޔާސީ ޕާޓީތަކުގެ ބައިބައިވުން ކުޑަކުރުމަށް މިފަދަ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ޤާނޫނުތައް މާޒީއަށް ނުހިންގުމުގެ މަބްދައުގެ އަސާސަކީ ބޭއިންސާފުން އެއްކިބާވުމެވެ. ނަމަވެސް ވަށައިގެންވާ އެންމެހާ ހާލަތްތަކަށް ރިއާޔަތް ކުރާއިރު، ބައެއް ޤާނޫނުތައް، މިސާލަކަށް ވަކި ފަރުވާއެއް ނުވަތަ ވަކި ކަމަކަށް ހައްލެއް ހޯދައިދިނުމަށް ހަދާ ޤާނޫނުތައް މާޒީއަށް ހިންގުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ވުމަކީ އެކަށީގެންވާކަމެއް. އެފަދަ ހާލަތްތަކުގައި އިންސާފު ލިބިދިނުމުގެ ގޮތުން މާޒީގައި ހިނގާފައިވާ ކަންކަމުގެ މައްޗަށް އެފަދަ ޤާނޫނެއް ހިންގުމަކީ އެފަދަ ޤާނޫނުތަކުގެ މަގްސަދެވެ.” އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި އިސްލާހު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ތަންފީޒު ނުކުރެވޭނެ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖިނާއީ ގާނޫނުތަކާ ޚިލާފަށް، މަދަނީ ބައެއް ގާނޫނުތައް މާޒީއަށް ހިނގާ ގޮތަށް ކަނޑައެޅުމަކީ އިންސާފު ގާއިމުކުރުމަށް ކުރެވިދާނެ ކަމެއް ކަމަށެވެ. އެހެންކަމުން، އިސްލާހު ތަސްދީގު ކުރި ފަހުން ޕާޓީ ބަދަލުކުރާ ކޮންމެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
ހަމައެއާއެކު ރާއްޖެއަށް އެންޓި ޑިފެކްޝަން އުސޫލު މުހިންމުނުވާކަމަށް ބުނެވޭކަަށް ނެތްކަމަށާއި އެންޓި ޑިފެކްޝަން ގާނޫނުތަކަށް އަމަލުކުރުމުގައި އެ ގައުމެއްގެ ދާޚިލީ ހާލަތަށް ރިއާޔަތްކުރާ ކަމަށް ވިދާޅުވިއެވެ. އަދި އެންޓި ޑިފެކްޝަން އުސޫލަކީ އަސާސީ ހައްގުތަކާ ފުށުއަރާކަމެއް ނޫންކަމަށާއި އެއާ އިދިކޮޅުވާ ކަމެއް މި މައްސަލައިގައި އަލީ ހުސައިނަށް ފާހަގަކޮށް ނުދެވުނުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް، މި މައްސަލައިގައި ހިމެނޭ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު ވަނީ ތަފާތު ރައުޔެއް ނެރުއްވާފައެވެ. އެކަމަނާ ވިދާޅުވީ މި އިސްލާހަކީ ގާނޫނުއަސާސީގައި ބަޔާންކުރާ އިޖުރާއަތްތަކާ ޚިލާފަށް، ރައްޔިތުންގެ ސީދާ ވޯޓަކަށް ނުގޮސް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. އަދި މިއީ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް އޮތް ހުރަހެއް ކަމަށް ފާހަގަކުރައްވައި، އެ މާއްދާ އުނިކުރަން ފެންނަ ކަމަށް ޝުޖޫން ވިދާޅުވިއެވެ.
އެހެންނަމަވެސް، ބެންޗުގެ އަޣްލަބިއްޔަތު ފަނޑިޔާރުން (7 ފަނޑިޔާރުންގެ ތެރެއިން 6 ފަނޑިޔާރުން) ތާއީދުކުރެއްވީ އުއްތަމަ ފަނޑިޔާރުގެ ރައުޔަށެވެ. އެހެންކަމުން، ގާނޫނުއަސާސީއަށް ގެނައި މި އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ އެންމެ ފަހުގެ ނިންމުން ނިންމާފައެވެ.