ޅ. ނައިފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ބޮޑު ބައެއް ނިމިފައިވާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އެމްޓީސީސީން ސޯޝަލް މީޑިއާގައި އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، މުޅި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ. މީގެ ތެރެއިން ބިން ހިއްކުމަށްޓަކައި ވެލި އެޅުމުގެ 95 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އޮކްޓޫބަރު މަހު ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި ރަސްމީކޮށް ފައްޓަވައިދެއްވި މި މަޝްރޫޢުގެ ދަށުން އެ ރަށަށް 44.8 ހެކްޓަރުގެ ބިން އިތުރުކުރެވޭނެއެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، މިހާރު ކުރިއަށްދަނީ ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. މިގޮތުން ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ.
މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ އިތުރުން، 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޭރު ތޮށިލުމުގެ އިތުރުން 474 މީޓަރުގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ނައިފަރު ކަނޑައަޅާފައިވަނީ ރާއްޖޭގެ އާރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާނެ ރަށެއްގެ ގޮތުގައެވެ. މި މަޝްރޫޢަކީ އެ ރަށަކީ ސަރަޙައްދީ ފެންވަރުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަރުކަޒަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ މުހިންމު ބައެކެވެ.
ޖުމްލަ 679 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރާއި ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާލެވޭނެއެވެ.